ރެނަކޮން އޭއޭސީ ބްލޮކްސް ގެނެސް ރާއްޖޭގެ ބާޒާރަށް އެސްޓީއޯއިން ތައާރަފުކުރިތާ ދެ އަހަރެއްހާ ދުވަސްވަނީ ވެފަ އެވެ.

އާ ބާވަތްތައް ބޭނުންކުރަން ފެށުމުގައި ފަސް ޖެހޭ ފަދަ ގޮތަކަށް މި ބާވަތުގެ ގައު ގެނައި އިރު ވެސް ފުރަތަމަ ދުވަސްކޮޅު މީހުން ފަސްޖެހުނެވެ. ދުވަސްކޮޅެއްގެ ތެރޭގައި މަގުބޫލު އުފެއްދުމަކަށް މި ބާވަތް ވެފައިވަނީ އެސްޓީއޯއިން ގަބޫލު ކުރާގޮތުގައި އެތައް ސަބަބުތަކެއް އޮތީމަ އެވެ.

"ޚަރަދު ކުޑަ، ގަދަ ހޫނުން ސަލާމަތް ކޮށްދޭ މޮޅު، ލުއި އަދި ވަރުގަދަ،" އެސްޓީއޯ ކޮންސްޓްރަކްޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.

އިމާރާތްކުރުމުގެ ދާއިރާގައި ނަންހިނގާ ބޮޑެތި ކުންފުނިތަކުން މިހާރު މިގައު ބޭނުން ކުރުން ވެގެން ގޮސްފައިވަނީ މި ގަލުގެ ޑިމާންޑް ބޮޑުވި އެއް ސަބަބަށެވެ.

"ބައެއް ފަހަރު ވާގޮތެއް ބޮޑެތި ކުންފުނި ތަކުން ބޭނުންކޮށް އިތުބާރު ލިބުނީމަ އެހެން ކުންފުނިތަކުން ނޫނީ އަމިއްލަ ފަރާތަތަކުން ބޭނުން ކުރުން،" އެ އޮފިޝަލް ވިދާޅުވި އެވެ.

އިމާރާތްކުރުމުގައި ޚަރަދުކުޑަ ކުރުމާއި އިމާރާތް ނިމި އިމާރާތުގައި ދިރިއުޅެމުންދާއިރު ޚަރަދު ކުޑަވާނެ ގޮތަށް އިމާރާތް ކުރުމަކީ ވެސް މުހިއްމު އަދި މިހާރު އިމާރާތްކުރުމުގައި ވިސްނުން ބަހައްޓާ އެއް ދާއިރާ ކަމަށްވާއިރު ރެނަކޮން ގަލަކީ އެކަމަށް ޚާއްސަ ގަލެކެވެ. އަވީގެ ސަބަބުން އިމާރާތްތެރޭ އުފެދޭ ހޫނު ވައި ބޭރުކޮށްދީ، އެއާކޮންޑިޝަން ޚަރަދު 20 ޕަސެންޓް ކުޑަކޮށްދެ އެވެ.

ރެނަކޮން އޭއޭސީ ބްލޮކް ފަރުމާ ކުރެވިފައި ހުންނަ ގޮތުން އިމާރާތް ކުރުމުގައި އިންސާނީ ވަސީލަތް ބޭނުންކުރާ މިންވަރުވެސް 20 ޕަސެންޓް ކުޑަކޮށްދެ އެވެ. އަދި އާދައިގެ އެޅިގަލާ އަޅާ ބަލާއިރު އަލިފާނުން ރައްކާތެރި ކޮށްދޭ މިންވަރު ތިން ގުނަ އިތުރެވެ އެވެ.