ރާއްޖެގެ ރަށްތައް ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ސަރުކާރުން ފަރުމާކޮށްފައިވާ ރާއްޖެ ޓްރާންސްޕޯޓު ލިންކު(އާރްޓީއެލް) ފެރީގެ ހިދުމަތް ޅ. އަތޮޅުގައި ފެށި ފެރީގެ ހިދުމަތަށް އަހުލުވެރިކުރުމުގެ ދަތުރުތަކުގެ މުއްދަތު އިތުރުކޮށްފި އެވެ.

ޅަ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށީ މިމަހުގެ 22 ވަނަ ދުވަހު އެވެ.

އެ ދުވަހު ޕްލޭނިން މިނިސްޓްރީން ބުނެފައި ވަނީ މިމަހުގެ 28 އާއި ހަމައަށް ފެރީތަކުގައި ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ. އަދި މިއަދު އެ އެ މިނިސްޓްރީން ބުނެފައި ވަނީ ތަޖުރިބާ ކުރުމުގެ ދަތުރުތައް ބާއްވާ ދުވަސްތައް އަދިވެސް އިތުރު ކުރެވިފައިވާ ކަމަށާއި އެ ދުވަސްތަކުގައި ވެސް ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ. ނަމަވެސް، އެ މުއްދަތު އިތުރުކުރީ ކޮން ދުވަހަކާ ހަމައަކަށް ކަމެއް ޕްލޭނިން މިނިސްޓްރީން ނުބުނެ އެވެ.

މީހުން ދިރިއުޅޭ 4 ރަށުގެ މައްޗަށް އޮތް ޅ އަތޮޅުގައި ފެރީގެ ހިދުމަތް ދެނީ ދެ ފެރީން ތިން ރޫޓަކަށެވެ. 13،000 އެއްހާ މީހުންގެ ބޮޑު އާބާދީއެއް އޮތް ޅ. އަތޮޅުގައި އެ ހިދުމަތް ދެނީ 35 ރުފިޔާ އާއި 125 ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތް އެންމެ ފުރަތަމަ ދޭން ފެށީ ޒޯން 1 އަށެވެ. ޒޯން 1ގައި ހިމެނެނީ ހއ، ހދ އަދި ށ އަތޮޅެވެ. މިޒޯންގައި ފެރީގެ ހިދުމަތް ދިނުމަށް 17 ލޯންޗު ބޭނުންކުރެއެވެ.