ޑޮލަރުގެ ތާށި އިންތިހާއަށް ބޮޑުވެ، ބޭރުގެ ޑިޖިޓަލް ވޮލެޓްތަކުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކާޑު ބޭނުންނުކުރެވޭ ގޮތަށް ހަދައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު ނެރުނު ދެންނެވުމެއްގައި ވަނީ، އޮންލައިން މުއާމަލާތްތަކުގައި އެ ބޭންކުން ދޫކޮށްފައިވާ ކާޑުތައް ބޭނުން ކުރުމުގައި އިތުރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ރާއްޖޭން ބޭރުގެ އޮންލައިން ޓްރާންސްފާ ޕްލެޓްފޯމްތަކާއި ސްކްރިލް އަދި ޓްރާންސްފަ ވައިސް ހިމެނޭހެން ޑިޖިޓަލް ވޮލެޓްތަކުގައި ބީއެމްއެލް ކާޑު ބޭނުންކޮށްގެން އެއްވެސް މުއާމަލާތެއް ނުކުރެވޭ ގޮތަށް ހަދާފައިވާ ކަމަށެވެ.

" މިއީ ޑޮލަރު ލިބެން ހުރި މިންވަރު ނުހަނު ބޮޑަށް ދަށްވެފައިވާ ހާލަތެއްގައި ކޮންމެހެން ރާއްޖޭން ބޭރަށް ދާން ނުޖެހޭ ފައިސާ ބޭރުވުން ހިފެހެއްޓުމަށާއި އަސާސީ ބޭނުމަށް މުދާ އެތެރެކުރުމަށް ޑޮލަރު ބެހެއްޓުމުގެ ގޮތުން އެޅުނު އިތުރު ފިޔަވަޅެކެވެ." ބީއެމްއެލް އިން ބުނެފައިވެ އެވެ.

ބީއެމްއެލް އިން ބުނީ މި ފިޔަވަޅު އެޅި ނަމަވެސް، ބޭންކް ޓްރާންސްފާ މެދުވެރިކޮށް ބޭރުގެ ޑިޖިޓަލް ވޮލެޓްތަކުން ފައިސާ ގެނެވޭނެ ކަމަށެވެ.

"މިފަދަ އުނދަގޫ އަދި ދަތި ހާލަތެއްގައި ކަސްޓަމަރުންނަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭން ބޭރުން ގެނެވޭ ފައިސާގެ ތެރެއިން 500 ޑޮލަރަށް ވުރެ މަދު އަދަދުތަކުން އެއްވެސް ފީއެއް ނުނެގުމަށް ބޭންކުން މިވަނީ ނިންމާފައި. ކާޑުން ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް ބޭންކުން މޮނިޓާކުރަމުންދާނެ،" އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކަށް ފެނިއްޖެ ހާލަތެއްގައި މިފަދަ މުއާމަލާތްތައް އެއްވެސް އިތުރު އެންގުމަކާ ނުލައި ބްލޮކް ކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ. އަދި މިއަދު ބޭންކުން ނިންމި ނިންމުމާ ގުޅޭ މައުލޫމާތު އެމްއެމްއޭ އާއި ކަމާބެހޭ ސަރުކާރުގެ އިދާރާތަކާ ހިއްސާކޮށްފައިވާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

މީގެ ކުރިން ވެސް ބޭރުގެ ބައެއް އޮންލައިން ސައިޓްތަކުގައި ބީއެމްއެލްގެ ކާޑުތައް ބޭނުންކޮށްގެން މުއާމަލާތް ނުކުރެވޭ ގޮތަށް ހަދާފައިވެ އެވެ.