ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބާޒާރު ބްރާންޗް އަދި އެއާޕޯޓް ބްރާންޗް މިމަހުގެ 22 އިން ފެށިގެން ބަންދުކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ބީއެމްއެލްއިން ބުނީ އެ ދެ ބްރާންޗް ބަންދުކުރުމަށް ނިންމީ ކޮވިޑް-19ގެ ސަބަބުން އެ ބޭންކުގެ ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވުމާއެކު، ޙިދުމަތްތަކަށް ވަކިން ޚާއްސަ ބްރާންޗްތައް ކަނޑައެޅިފައި ހުރުމުގެ ސަބަބުންކަމަށެވެ.

އެ ބޭންކުން ބުނީ ބާޒާރު ބްރާންޗް އަދި އެއާޕޯޓް ބްރާންޗް ބަންދުކުރި ނަމަވެސް، އެތަންތަނުގައި ހުރި އޭޓީއެމްގެ ޚިދުމަތް ލިބޭނެ ކަމަށެވެ. އަދި އެއާޕޯޓްގައި މަނީ އެކްސްޗޭންޖްގެ ޚިދުމަތް ކުރިއެކޭ އެއްގޮތަށް ފޯރުކޮށްދޭނެ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

ކޯވިޑް- 19ގެ ހާލަތާ ގުޅިގެން ބީއެމްއެލްއިލް ވަނީ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެ ބޭންކުން ފޯރުކޮށްދޭ ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސަދީފަ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 64 ސެލްފްސާވިސް ބޭންކިން ސެންޓަރު، 127 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު އެ ބޭންކުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުންޏެވެ.