ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ވަސީލަތްތަކާއި ރޮބޮޓިކް ލެބެއް ހިމެނޭހެން، ހުޅުމާލޭގައި ސްކޫލެއް އެޅުމަށް ވިލާ އެޑިއުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޑޭޓާ ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އަދި ވިލާ އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖުގެ ރެކްޓަރު އަހުމަދު އަންވަރެވެ.

ވިލާ އެޑިއުކޭޝަންގެ ފަރާތުން ހުޅުމާލެގައި ބިނާކުރުމަށް ހަމަޖެހިފައިވާ މި ސުކޫލު ހުންނާނީ ހުޅުމާލެ ފޭސް 1 ގަ އެވެ. މިއީ 6 ފަންގިފިލާގެ ސްކޫލެކެވެ. މި ސްކޫލުގައި 20 ކްލާސް ރޫމު ހުންނާނެ ކަމަށާއި، މިއީ ގާތްގަނޑަކަށް 761 ކުދިންގެ ޖާގައިގެ ސްކޫލެއް ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ މިސްކޫލުގައި ގްރޭޑް އެކަކުން ބާރަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާއިރު ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވެސް ފަސޭހައިން ކިޔަވައިދޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ކަމަށެވެ. އަދި ސްކޫލުގެ އެންމެ ޚާއްސަ އެއްކަމެއްގެ ގޮތުގައި ރޮބޮޓިކް ލެބެއްވެސް މި ސުކޫލުގައި ގާއިމުކުރެވިފައި ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވިލާ އެޑިއުކޭޝަންގެ ފަރާތުން ހުޅުމާލޭގައި ތަރައްގީކުރާ ސްކޫލާއެކު ވަޒީފާގެ އިތުރު ފުރުސަތުތަކެއް ވެސް ފަހިވެގެންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އެގޮތުން އެޑްމިނިސްޓްރޭޓިވް ދާއިރާއިންނާއި، އެކެޑެމިކް ދާއިރާއިން 100 ވަރަކަށް ވަޒީފާގެ ފުރުސަތު ލިބިގެންދާނެކަން އެ ކުންފުނިން ފާހަގަކުރެ އެވެ.

އެޗްޑީސީން އަންނަނީ ހުޅުމާލޭގައި ފެންވަރު ރަނގަޅު ތައުލީމީ ޖީލެއް ބިނާކުރެވޭނެ ފަދަ ގިނަ ވަސީލަތްތަކެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން ތަރައްގީކުރާ ހަތަރު ސްކޫލާކާއި، އަމިއްލަ ފަރާތަކުން ތަރައްގީކުރާ ސްކޫލެއް އެޅުމަށް ބޭނުންވާ ބިން މިމަހުގެ ތެރޭގައި އެޗްޑީސީން ވަނީ ހަވާލުކޮށްފަ އެވެ.

ހުޅުމާލޭގައި ތައުލީމީ ކަންކަން ކުރިއެރުވުމަށް އެޗްޑީސީން ކުރާ މަސައްކަތުގައި ސަރުކާރާއި އަމިއްލަ ކުންފުނިތަކުން ދެމުންދާ އެއްބާރުލުން އެ ކުންފުނިން ފާހަގަކުރެ އެވެ.