ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި "ވިނަރެސް"ގެ ނަމުގައި ކުރީގެ ސަރުކާރުން ހަދަން ފެށި، މަތީ ފެންވަރުގެ 1،344 ހައުސިން ޔުނިޓްގެ 60 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވިއްކުމަށް (ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުވާލާފައިވެ އެވެ.

މިއީ އެޗްޑީސީން 159 މިލިއަން ޑޮލަރު (2.4 ބިލިއަން ރުފިޔާ)ގެ ލޯނެއް ޗައިނާ ޑިވެލޮޕްމަންޓް ބޭންކް (ސީޑީބީ) އިން ނަގައިގެން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއު 2017 ގައި ފެށީ 1،530 ޔުނިޓް ހަދާ ގޮތަށެވެ. ނަމަވެސް ލޯނުގެ އިކުއިޓީ ހަމަނުޖެހިގެން ދެ ފްލޯގެ ޔުނިޓްތައް ވަނީ ޕްރޮޖެކްޓުން އުނިކޮށްފަ އެވެ.

މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "ހުރިހާ"އަށް މިއަދު ވިދާޅުވީ އެ ހައުސިން ޔުނިޓްތައް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ވިއްކަން ކުންފުނިތަކަށް ދައުވަތުދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ބައެއް ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވޭ އެތަނުން އެޕާޓްމަންޓް ބޭނުންވެގެން. އެކަމުގެ މަޝްވަރާތަކެއް ކުންފުނިތަކަކާއެކު ކުރިޔަށް އެބަދޭ،" އޭނާ ވިދާޅުވި އެވެ.

ސުހައިލް ވިދާޅުވީ ވިނަރެސްގެ ނަމުގައި ހަދާ 14 ބުރީގެ ދިހަ ޓަވަރުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު މުޅިން ނިމޭނެ ކަމަށެވެ.

"އެތަނުން ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް އަންނަ އަހަރުގެ ކުރީކޮޅު އަޅުގަނޑުމެން ހުޅުވާލާނަން. މިއީ ސޯޝަލް ހައުސިން ގޮތަށް ޕޮއިންޓް ދީގެން ދޫކުރާ ތަންތަނެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އެޗްޑީސީން ކުންފުނިތަކަށް ފޮނުވި ބްރޯޝާއެއްގައި ބުނެފައި ވަނީ ދެވަނަ ފިޔަވަހީގެ ރީތިގަސް މަގުގައި "ވިނަރެސް"ގެ 60 ޕަސެންޓް ހާއްސަކޮށްފައި ވަނީ ވިޔަފާރި ކުންފުނިތަކަށް ކަމަށެވެ. އަދި އެ ތަންތަން އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެށި މި މަޝްރޫއު ހަވާލުކުރީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) އާ ހަވާލުކޮށްގެން ހަދާ ހައުސިން ޔުނިޓް ވިއްކަން ނިންމާފައި އެފޯޑަބްލް ހައުސިންގެ ތެރެއިން 2.2 މިލިއަން ރުފިޔާއަށް ވުރެ ކުޑަ އަގެއްގަ އެވެ.

ވިނަރެސްގައި ހުންނަނީ ދެ ވައްތަރެއްގެ އެޕާޓްމަންޓްތަކެކެވެ. އެގޮތުން ހިމެނެނީ 902 އަކަފުޓޫގެ ތިން ކޮޓަރީގެ އެޕާޓްމަންޓާއި ތިން ކޮޓަރި ހިމެނޭ 883 އަކަފުޓޫގެ އެޕާޓްމަންޓެވެ. އޭގެ ތެރެއިން މެރީނާ ވިއު ފެންނަ 98 އެޕާޓްމަންޓް ހުރެ އެވެ. އަދި ސިޓީގެ ބޭރުގެ ފެންނަ 228 ޔުނިޓާއި އިނާވިއު ފެންނަ 211 ޔުނިޓް ހިމެނެ އެވެ.

މެރީނާ ވިއު ފެންނަ ޔުނިޓްތަކުގެ ތެރެއިން، 10 ވަނަ ފްލޯއިން 13 ވަނަ ފްލޯއާ ދެމެދުގައި ހުންނަ 22 ޔުނިޓް ވިއްކަނީ ޔުނިޓެއް 3.1 މިލިއަން ރުފިޔާ އަށެވެ. އަދި މެދު ތެރޭގައި ހުންނަ 6 ވަނަ ފްލޯ އާއި ނުވަ ވަނަ ފްލޯއާ ދެމެދުގައި ހުންނަ 38 ޔުނިޓް ވިއްކަނީ ޔުނިޓެއް ތިން މިލިއަން ރުފިޔާ އަށެވެ. އަދި ތިރީ ފްލޯތަކުގެ ތެރެއިން ދެވަނަ ފްލޯ އިން ފެށިގެން ފަސްވަނަ ފްލޯއާ ދެމެދުގައި ހުންނަ 38 ޔުނިޓްގެ ތެރެއިން ޔުނިޓެއް ވިއްކަނީ 2.8 މިލިއަން ރުފިޔާ އަށެވެ.

އައުޓާ ވިއުގައި ހިމެނޭ 228 ޔުނިޓްގެ ތެރެއިން 10 ވަނަ ފްލޯއިން 13 ވަނަ ފްލޯއާ ދެމެދުގައި ހުންނަ 74 ޔުނިޓް ވިއްކަނީ ޔުނިޓެއް 2.9 މިލިއަން ރުފިޔާ އަށެވެ. މެދު ތެރޭގައި ހުންނަ 6 ވަނަ ފްލޯ އާއި ނުވަ ވަނަ ފްލޯއާ ދެމެދުގައި ހުންނަ 77 ޔުނިޓް ވިއްކަނީ ޔުނިޓެއް 2.85 މިލިއަން ރުފިޔާ އަށެވެ. އަދި ތިރީ ފްލޯތަކުގެ ތެރެއިން ދެވަނަ ފްލޯ އިން ފެށިގެން ފަސްވަނަ ފްލޯއާ ދެމެދުގައި ހުންނަ 77 ޔުނިޓްގެ ތެރެއިން ޔުނިޓެއް ވިއްކަނީ 2.83 މިލިއަން ރުފިޔާ އަށެވެ.

އިނާ ވިއުގައި 211 ޔުނިޓްގެ ތެރެއިން 10 ވަނަ ފްލޯއިން 13 ވަނަ ފްލޯއާ ދެމެދުގައި ހުންނަ 58 ޔުނިޓް ވިއްކަނީ ޔުނިޓެއް ވިއްކަނީ 2.88 މިލިއަން ރުފިޔާ އަށެވެ. މެދު ތެރޭގައި ހުންނަ 6 ވަނަ ފްލޯ އާއި ނުވަ ވަނަ ފްލޯއާ ދެމެދުގައި ހުންނަ 77 ޔުނިޓް ވިއްކަނީ ޔުނިޓެއް 2.83 މިލިއަން ރުފިޔާ އަށެވެ. އަދި ތިރީ ފްލޯތަކުގެ ތެރެއިން ދެވަނަ ފްލޯ އިން ފެށިގެން ފަސްވަނަ ފްލޯއާ ދެމެދުގައި ހުންނަ 77 ޔުނިޓްގެ ތެރެއިން ޔުނިޓެއް ވިއްކަނީ 2.80 މިލިއަން ރުފިޔާ އަށެވެ. މީގެ އިތުރުން ސްޓެންޑާޑް ވިއުގެ 269 ޔުނިޓްގެ ތެރެއިން ޔުނިޓެއް ވިއްކަނީ 2.56 މިލިއަން ރުފިޔާ އަށެވެ.

ވިނަރެސްގައި ރިޓެއިލް ފިހާރައަކާއި އޮފީސް ޖާގަ، އޭޓީއެމް، ސެކިއުރިޓީ، ކާރު އަދި ސައިކަލް ޕާކިންގެ އިތުރުން ކެފޭ، ރެސްޓޯރަންޓްގެ ހިދުމަތް ވެސް ލިބެން ހުންނާނެ ކަމަށް ބުނެފައިވެ އެވެ.

އެޗްޑީސީން ބުނެފައި ވަނީ ކުންފުނިތަކުން ގަންނަ ޖުމްލަ އެޕާޓްތަކުގެ އަގުގެ 20 ޕަސެންޓް ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށެވެ.