ހުޅުމާލެގައި ދިރިއުޅޭ އަދި އެކިބޭނުންތަކަށް ހުޅުމާލެ ޒިޔާރާތްކުރައްވާ ފަރާތްތަކަށް ފަސޭހަކަމާއެކު ދަތުރުފަތުރުކުރެވޭނެ ފަދަ އިންތިޒާމް ގާއިމްކުރުމުގެ ގޮތުން ހުޅުމާލޭގެ މަގުތަކަށް ބަދަލުގެނައުމަށް އެޗްޑީސީން ނިންމައިފި އެވެ.

ހުޅުމާލެ ނިރޮޅުމަގާއި އަދި އެހެނިހެން މަގުތަކުގައިވެސް ލޭންތަކަށް ބަހައިލެމުގެ ކުރެހުމުގެ މަސައްކަތް އެޗްޑީސީން ވަނީ ފަށާފަ އެވެ. އެގޮތުން ބަހަށް ހާއްސަކޮށްގެން، ބަސް ދުއްވާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން ބަސް ލޭނެއް ވަނީ ކަނޑައަޅާފަ އެވެ. އަދި މީގެ އިތުރުން އެހެނިހެން ވެހިކަލްތަކަށާއި ބައިސިކަލް ދުއްވުމަށް ވެސް ހާއްސަ ލޭނެއް ވަނީ ކަނޑައަޅާފަ އެވެ.

މިއީ، ހުޅުމާލެގައި ގިނަ މީހުން އާބާދުވުމާއި ގުޅިގެން، ދުނިޔޭގެ ސްޓޭންޑަޑަށް ހުޅުމާލޭގެ މަގުތައް ގެނެވުމަށާއި ޓްރެފިކްގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރެވިގެންދާ ވަރަށް މުހިއްމު މަސައްކަތެއް ކަމަށް އެޗްޑީސީން ބުނެ އެވެ.

2015 ވަނަ އަހަރު ހެދިފައިވާ ޓްރާންސްޕޯޓް މާސްޓާޕްލޭންގެ ދަށުން، ހުޅުމާލެ މެއިން މަގުތަކުގައި 13.2 މީޓަރުގެ ފުޅާމިންހުރެ އެވެ. އެގޮތުން 4 ލޭނަކަށް ބަހާލައިގެން އެއްފަހަރާ 4 ވެހިކަލް އެއް މަގުން ދުއްވޭނެގޮތަށް ވަނީ ޕްލޭން އެކުލަވާލާފަ އެވެ.

މި ބަދަލު ގެނެވުމަށް މިހާތަނަށް އެ ކުންފުނިން މަސައްކަތް ފަށާފައި ވަނީ ހުޅުމާލޭގެ ނިރޮޅުމަގުގެ އިތުރުން ސެންޓްރަލް ޕާކް ވަށައިގެން އޮންނަ މަގެވެ.

ހުޅުމާލޭ މަގުތަކަށް ގެންނަ ބަދަލުތައް އަންގައިދޭ ކުރެހުމެއް.. ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ބުނީ މި ބަދަލާއެކު ހުޅުމާލޭގެ ނިރޮޅުމަގުގައި އެއްވެސް ގޮތަކަށް ވެހިކަލް ޕާކުކުރެވިފައި ނުބެހެއްޓޭނެ ކަމަށެވެ. އެހެން ނަމަވެސް ނިރޮޅުމަގުގައި ހުންނަ ފްލެޓުތަކާއި ގެތަކުގެ ކައިރީގައި ޕާކްކުރުމުގެ އިންތިޒާމް އެޗްޑީސީގެ ފަރާތުން ހަމަޖައްސައިދެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި މިހާރު ވެސް ގިނަ ޕާކިން ލޮޓްތަކެއް ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރެވި، ޕާކު ކުރެވޭނެ އިތުރު ތަންތަން ގާއިމުކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

ހުޅުމާލޭޢގެ ޕަބްލިކް ޓްރާންސްޕޯޓްގެ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެގައި ބައިސިކަލް ލޭނެއް ގާއިމްކުރުމުގެ ގޮތުން ބައިސިކަލް ލޭން ކުރެހުމުގެ މަސައްކަތް އެޗްޑީސީން ވަނީ މިހާރު ފަށާފަ އެވެ. އެގޮތުން މަގު ހަތަރު ލޭން އަކަށް ބަހާލެވިފައިވާއިރު، ބަސް ލޭންއަކާއި ސައިކަލު ދުއްވާ ލޭންގެ އިތުރުން އެއް ލޭން ކަނޑައަޅާފައި ވަނީ ބައިސިކަލް ދުއްވާ ފަރާތްތަކަށް ބޭނުންކުރުމުގެ ގޮތުންނެވެ.

އެޗްޑީސީން ބުނިގޮތުގައި ހުޅުމާލޭގައި ބައިސްކަލް ލޭންއެއް ކަނޑައެޅުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ، ބައިސްކަލަކީ ވަރަށް ސްޕީޑް ދަށްކޮށް ދުއްވާ އުޅަދެއް ކަމަށް ވުމާއިއެކު، ބާރު ސްޕީޑްގައި ދުއްވާ އެހެނިހެން އުޅަދުތަކަށް ދަތިނުވާގޮތަށް މަގުގެ އެއްފަޅިން ބައިސިކަލް ދުއްވުމަށް ހާއްސަ ސަރަހައްދެއް ކަނޑައެޅިފައިވުމުން ދުއްވާ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިލާންނުޖެހި މަގު ބޭނުންކުރުމުގެ ފުރުސަތު ދިނުމެވެ. މީގެއިތުރުން، ބައިސިކަލް ދުއްވާ ރޫޓު ފާހަގަކުރުމުގެ ގޮތުން ނޫކުލަ، ބައިސްކަލް ލޭނަށް ހާއްސަ ކުރުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.

އަދި މިބަދަލާއެކު، މަގުގެ ހިނގާ ފަރާތްތަކަށް ފަސޭހަވާނެގޮތަށް ޑިރެކްޝަނަލް ތީރުތަކެއް މަގުގެ ތާރުމަތީގައި ކުރެހިފައި ހުންނާނެ އެވެ. މިއީ އާންމުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކުރެވިގެންދާ ކަމަށް އެޗްޑީސީން ބުނެ އެވެ.

ހުޅުމާލެގައި މިފަދައިން ލޭންތަކެއް ކަނޑައަޅާ މި ލޭނާއި އެއްގޮތަށް ދަތުރުފަތުރުގެ ކަންކަން ކުރަން ފެށުމުން އާންމުންނަށް ލުއިފަސޭހަވާނެކަމަށް މި ކޯޕަރޭޝަނުން ޤަބޫލުކުރަމެވެ. އަދި މިފަދަ ކަންކަން އެއްވެސް ހުރަހެއް ނެތި ކުރިޔަށް ގެންދިޔުމަށްޓަކައި އާންމުންގެ ފަރާތުން ވެސް އެއްބާރުލުން ނުހަނު ބޭނުންވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.