މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމްގައި އެއް މިލިއަނަށްވުރެ ގިނަ ޓޫރިސްޓުން ބައިވެރިވެފައިވާ ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ) ވިދާޅުވެއްޖެ އެވެ.

ބޯޑަ މައިލްސް ޕްރޮގްރާމަކީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން، ޓޫރިސްޓުން ރާއްޖެ އައުން ހުއްޓި، ގައުމުގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަނެ، ރާއްޖޭގެ ޓޫރިޒަމް އައު ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ތައާރަފުކުރި ޕްރޮގްރާމެކެވެ.

މިއީ ދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލަރު ހަނަފީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއް މިލިއަން ޓޫރިސްޓުން ފަހަނައަޅައި ގޮސްފައިވާ ކަމަށެވެ. އަދި އުންމީދަކީ ކޮވިޑް-19 އަށް ފަހު އިގްތިސާދީ ގޮތުން ހަރުދަނާ އަދި އަވަސް ކުރިއެރުމަކަށް އޮތް އުންމީދެއްގެ ސަބަބުން ދުނިޔޭގެ ފުރަތަމަ ޑެސްޓިނޭޝަން ލޯޔަލިޓީ ޕްރޮގްރާމް ކާމިޔާބީއެއް ލިބިގެންދިޔުން ކަމަށް ވެސް ހަނަފީ ވިދާޅުވި އެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭ ޚާއްސަ ފައިދާތައް ބެހިގެން ވަނީ ތިން ދަރަޖައަކަށެވެ. އެއީ ބްރޮންޒް، ސިލްވާ އަދި ގޯލްޑް އެވެ. ބޯޑަ މައިލްސްއަށް ފަތުރުވެރިން ޝައުގުވެރިކުރުވަން މޯލްޑިވްސް އިމިގްރޭޝަނުން އަންނަނީ ހާއްސަ އޮފާތައް ތައާރަފްކުރަމުންނެވެ. އެގޮތުން ބޯޑަ މައިލްސްގެ އެންމެ މަތީ ދަރަޖައަށް ވާސިލްވުމުން، ވެލާނާ އެއާޕޯޓުގެ މާމަހި އެގްޒެކެޓިވް ލައުންޖުން ވީއައިޕީގެ ޚިދުމަތް ހިލޭ ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ޓްރެވެލް ޕްލެޓްފޯމް ކަމަށްވާ އަގޯޑާއާއެކު އެސޯސިއޭޓް ޕާޓްނާޝިޕެއްގައި ބޯޑަ މައިލްސްއިން ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން މި ޕްރޮގްރާމް ތަރައްގީކުރުމަށް ފަންނީ އެހީތެރިކަން އެ ކުންފުނިން ފޯރުކޮށްދޭނެ އެވެ. އަދި އަގޯޑާ މެދުވެރިކޮށް ބުކިން ހަދާ ފަރާތްތަކަށް ބޯޑަ މައިލްސް ޕްރޮގްރާމުގައި ޕޮއިންޓް ހޯދުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.