Advertisement

ބޯޑަރު ހުޅުވުމާއެކު މަންޓާ އެއާގެ ޓޫރިސްޓް ފްލައިޓްތައް އަލުން ފަށައިފި

FacebookTwitterWhatsAppTelegramViber

ފަތުރުވެރިން އުފުލުމަށް މަންޓާ އެއާގެ ދަތުރުތައް ބ. އަދި ދ. އަތޮޅަށް މިއަދު އަލުން ފަށައިފި އެވެ.

މަންޓާ އެއާ އިން ބުނީ، ރާއްޖޭގެ ބޯޑަރު މިއަދު ހެނދުނު ހުޅުވާލުމާއެކު، ލޮކްޑައުން އަށް ފަހު ފަތުރުވެރިން ގޮވައިގެން އެ އެއާލައިނުން ކުރި ފުރަތަމަ ފްލައިޓްތައް ބާއްވާފައިވާ ކަމަށެވެ.

"ފަތުރުވެރިން އުފުލުމަށް ދަތުރުތައް އަލުން ފެށުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ހުރިހާ ފަސިންޖަރުންނަށް ވެސް އަޅުގަނޑުމެން ޔަގީންކަން ދޭން ބޭނުންވާ ކަމަކީ މަންޓާ އެއާ އިން އަބަދު ވެސް ލިބެމުން އަންނަ މަތީ ފެންވަރުގެ ހިދުމަތް ލިބެމުންދާނެކަން،" މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވި އެވެ.

މަންޓާ އެއާ އިން ބުނީ، އެ އެއާލައިންގެ ދަތުރުތައް އަލުން ފަށާފައި ވަނީ، އޭވިއޭޝަން ދާއިރާގެ 'ނިއު ނޯމަލް' އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ.

ފަތުރުވެރިން އުފުލުމަށް މަންޓާ އެއާ އިން ކުރާ އާންމު ދަތުރުތަކުގައި އަދި ބޭނުންކުރާނީ ސީޕްލޭން އެވެ.

އެހެން ނަމަވެސް، މަންޓާ އެއާ އިން ބުނީ، އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ އޭޓީއާރު ނުވަތަ ސީޕްލޭން ދަތުރުތަކުގައި ބޭނުންކުރާ ޓުވިން އޮޓާ މަރުކާގެ ބޯޓު ޗާޓަރު ކުރަން ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ލިބޭނެ ކަމަށެވެ. މަންޓާ އެއާގެ އޭޓީއާރު ފްލީޓްގައި 3 ބޯޓު އަދި ސީޕްލޭން ފްލީޓްގައި 6 ބޯޓު އޮވެ އެވެ.

މީގެ އިތުރުން، ދިވެހިންނަށް ހާއްސަކޮށް މަންޓާ އެއާ އިން ފަށާފައިވާ ސީޕްލޭން ދަތުރުތައް ވެސް ކުރިއަށް ގެންދާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ. މަންޓާ އެއާ އިން ދިވެހިންނަށް ހާއްސަކޮށް ބ. އަތޮޅަށާއި ދ. އަތޮޅަށް ސީޕްލޭން ދަތުރުތައް ކުރަން ފަށާފައި ވަނީ މިދިޔަ އޭޕްރީލް މަހު އެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ މާޗު މަހުގެ 27 ވަނަ ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ އެކު، މަންޓާ އެއާ އިން ވަނީ އެ އެއާލައިންގެ ޝެޑިއުލް ދަތުރުތައް މެދުކަނޑާލާފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top