ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ނަގަން ޖެހޭ ގޮތަށް ކުނި މެނޭޖުކުރުމާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރުމުން ގިނަ ބަޔަކު އެކަމާ ނުރުހުން ފާޅުކުރަން ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ބިލުގައި ބުނެފައިވަނީ، ބިލު ފާސްވެ ގާނޫނަކަށް ބަދަލުވެ، އެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުން ފެށިގެން ސިންގަލްޔޫސް ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނެގޭނެ ކަމަށެވެ. އަދި އެފަދައިން ނަގާ ފީ ކަސްޓަމަރަށް ދޫކުރާ ފީގެ އަދަދު އެނގޭނެހެން ހިމަނަން ވާނެކަމަށް ބިލުގައި ބުނެފައިވެ އެވެ.

ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ނިންމި ނަމަވެސް، ބައެއް ހާލަތްތަކުގައި އެ ފީ އިސްތިސްނާވާނެ ކަމަށް ބިލުގައި ވެ އެވެ. އެގޮތުން، ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅާއި ބަންދުނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅާއި ކުނީގެ ހިދުމަތްދޭ ތަންތަނުން ވިއްކާ ކަޅު ކޮތަޅު އިސްތިސްނާ ވާނެކަމަށް ބިލުގައިވެ އެވެ.

ބިލުގައި ބުނެފައި ވަނީ ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސް މީރާއަށް ދައްކަން ޖެހޭނެ ކަމަށެވެ. އެ ޓެކްސް ނުނަގައި ޕްލާސްޓިކް ކޮތަޅު ދީފި ނަމަ 5،000 ރުފިޔާ އާއި 50،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖުރިމަނާ ކުރާނެ ކަމަށެވެ.

ކޮތަޅު ވިއްކައިގެން ނަގާ ފައިސާގެ އަދަދުގެ ސައްހަކަން ކަށަވަރު ކުރުމަށް، ގާނޫނަށް އަމަލުކުރާތާ ހަ މަސްދުވަހުގެ ތެރޭގައި ކަމާބެހޭ މިނިސްޓްރީން ގަވައިދެއް އެކުލަވާލަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.

މި ޓެކްސް ނަގަން ނިންމުމުން ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

"ޖީއެސްޓީ ބޮޑުކޮށްފައި އެވަރުން ނުވެގެން އަނެއްކާ ކޮންމެ ކޮތަޅަކު ދެ ރުފިޔާ ނަގަނީ. އާއްމު މީހާގެ ޖީބަށް ހުރިހާ ބާރެއް މިކުރަނީ،" އެ މީހާ ބުންޏެވެ.