ދިވެހި ރުފިޔާ ޑިޖިޓަލް ކަރަންސީ އެއްގެ ގޮތުގައި ބޭނުން ކުރެވޭ ގޮތް ހެދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ބުނެފި އެވެ.

އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން މިހެން ބުނެފައިވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައި އެ މިނިސްޓްރީގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓާ ބެހޭގޮތުން ދިން ޕްރެޒެންޓޭޝަނެއްގަ އެވެ.

މިނިސްޓްރީ ދިވެހި ރުފިޔާ ޑިޖިޓަލް ކަރަންސީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ހާމަކުރުން ފިޔަވައި މިކަމާ ބެހޭ އިތުރު މައުލޫމާތެއް ކޮމެޓީގައި ހާމަކޮށްފައިނުވެ އެވެ.

ނަގުދު ފައިސާ ބޭނުންކުރުން މަދުކުރުމަށް ޑިޖިޓަލް ކަރަންސީ ރާއްޖެއަށް ތައާރަފްކުރުމަކީ އަމާޒެއްކަމަށް މީގެ ކުރިން އެމްއެމްއޭއިން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން ޑިޖިޓަލް ކަރަންސީ ތައާރަފުކުރުމަށް ބޭނުންވާ ދިރާސާތައް އެމްއެމްއޭއިން ހަދަމުނެވެ.

ގައުމެއްގެ މައި ބޭންކުން ދޫކުރާ ޑިޖިޓަލް ކަރަންސީއަށް ދެވިފައިވާ ނަމަކީ ސެންޓްރަލް ބޭންކް ޑިޖިޓަލް ކަރަންސީ (ސީބީޑީސީ) އެވެ.