ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް 2.2 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް (ޓީބިލް) ވިއްކުމަށް ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ

ފިނޭންސް މިނިސްޓްރީން މިފަހަރު ވިއްކަން ހުޅުވާލާފައިވަނީ ހަތަރު ޓީބިލެކެވެ. އެއީ 28 ދުވަހުން އަނބުރާ ދެއްކަމަށް އެއް ބިލިއަން ރުފިޔާގެ ޓީބިލަކާއި 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 426 މިލިއަން ރުފިޔާގެ ޓީބިލެކެވެ. އަދި މީގެ އިތުރުން 182 ދުވަހުން އަނބުރާ ދެއްކުމަށް 155 މިލިއަން ރުފިޔާގެ ޓީބިލަކާއި 364 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް 621 މިލިއަން ރުފިޔާގެ ޓީބިލެކެވެ.

ޓީބިލުގެ ސެޓްލްމަންޓް ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހު އެވެ.

ޓީބިލުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތަ އާއި 4.60 އިންސައްތައާ ދެމެދުގަ އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މިމަހު 3.4 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކާފަ އެވެ.

ފިނޭންސް މިނިސްޓްރީން މިހާތަނަށް އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ސަރުކާރުން ވިއްކާފައިވާ ޓީބިލުތަކުގެ ތެރެއިން 62.5 ބިލިއަން ރުފިޔާގެ ޓީބިލަށް ދައްކަންޖެހޭ ފައިސާ އަދިވެސް އަނބުރާ ދައްކާފައިނުވެ އެވެ. އެގޮތުން އެއް އަހަރު ތެރޭގައި ފައިސާ ދައްކާ ގޮތަށް ވިއްކި ޓީބިލަށް ދައްކަންޖެހޭ 23.8 ބިލިއަން ރުފިޔާއާއި 6 މަހުން ފައިސާ ދައްކާ ގޮތަށް ވިއްކި ޓީބިލަށް ދައްކަންޖެހޭ 3.4 ބިލިއަން ރުފިޔާއާއި 3 މަހުން ފައިސާ ދައްކާ ގޮތަށް ވިއްކި ޓީބިލަށް ދައްކަންޖެހޭ 3.1 ބިލިއަން ރުފިޔާގެ އިތުރަށް މަސްދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ވިއްކި ޓީބިލަށް ދައްކަންޖެހޭ 2.3 ބިލިއަން ރުފިޔާ ނުދައްކައި އެބަހުއްޓެވެ.