ހުޅުމާލޭ ސިނާއީ ސަރަހައްދުގެ އިމާރާތްތަކަށް ކަނޑައަޅާފައިވާ އުސް މިނަށް ބަދަލު ގެނެސް، އަށް ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ އެޗްޑީސީން ދިނުމަށް ނިންމައިފި އެވެ.

ހުޅުމާލޭގެ ސިނާއީ ސަރަހައްދުގައި މީގެކުރިން އިމާރާތް ކުރަން ހުއްދަ ދީފައިވަނީ ހަ ބުރިއަށެވެ. ނަމަވެސް އެޗްޑީސީން މިހާރު ވަނީ އަށް ބުރިއަށް އިމާރާތް ކުރަން ހުއްދަ ދޭން ނިންމާފަ އެވެ.

އެޗްޑީސީން ބުނީ މި ބަދަލު ގެނައެމުގެ މައިގަނޑު އެއް ބޭނުމަކީ ސިނާއީ ސަރަހައްދަށް ބޮޑުވެފައިވާ ޑިމާންޑަށް ހައްލެއް ހޯދައިދިނުމުގެ އިތުރުން ހުޅުމާލޭގައި ހިންގަމުންދާ ވިޔަފާރިތަކަށްވެސް ގިނަ ފައިދާ ހުރި ފުރުސަތުތަކެއް ފަހި ކޮށްދިނުން ކަމަށެވެ.

މި ބަދަލާއެކު ސިނާއީ ބޭނުންތަކަށް ހުޅުމާލޭގައި ކަނޑައެޅިފައިވާ ފްލޯ ސްޕޭސް އިތުރުކުރުވެގެން ދިޔުމުގެ އިތުރުން ސިނާއީ ސަރަހައްދުގައި ހުރި އިމާރާތް ތަކުގައި ހިދުމަތް ހޯދުމާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެމީހުންގެ ވިޔަފާރި ފުޅާކުރަން ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.

ހުޅުމާލެ ސިނާއީ ސަރަހައްދުގައި ހުރި އިމާރާތެއް.. ފޮޓޯ: އެޗްޑީސީ

އެ ކުންފުނިން އަންނަނީ ރައްޔިތުން އެދޭ ކަންކަން ގާތުން ބަލައި އެކަންތަތްތަކަށް އަވަސް ހައްލު ހޯދައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކުގެ ފުރަތަމަ ބުރީގައި ވިޔަފާރިކުރުމުގެ ހުއްދަ ދޭން ވެސް އެޗްޑީސީން މިދިޔަ ހަފުތާގައި ނިންމި އެވެ.