ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓު (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަދި ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަރަށް ބޮޑަށް ދަށްވެ، ބޮޑު ގެއްލުމަކާ ކުރިމަތިވެއްޖެ އެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ކޮވިޑް- 19އާ ގުޅިގެން މާލެ ސަރަހައްދު ލޮކް ޑައުންކޮށް، އަދި ރާއްޖޭގެ ބޯޑަރު ވެސް ބަންދުކޮށްފައިވެ އެވެ. އެ ދެ ކުންފުނީގެ އާމްދަނީ އާދަޔާ ޚިލާފަށް ދަށްވެ، ގެއްލުންވި މައިގަނޑު ސަބަބަކީ އެދުވަސްވަރު ވައިގެ ދަތުރުފަތުރުތައް ހުއްޓިފައި އޮތުމުންނެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން މިއަދު ނެރުނު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެމްއޭސީއެލްއަށް ލިބުނު އާމްދަނީ 91 ޕަސެންޓް ވަނީ ދަށްވެފަ އެވެ. އަދި މޯލްޑިވިއަންއަށް ލިބުނު އާމްދަނީ 76 ޕަސެންޓް ދަށްވެފަ އެވެ. އަދި މިދިޔަ ކުއާޓަރުގައި އެކަނި މޯލްޑިވިއަންއަށް 110 މިލިއަނަށް ރުފިޔާ ގެއްލުންވި އެވެ.

ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލް އަށެވެ.

އެމްއޭސީއެލްއަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނީ 110,6 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ ކުއާޓަރުގައި އެމްއޭސީއެލްއަށް އާމްދަނީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއާއެކު 116.1 މިލިއަން ރުފިޔާ އެ ކުންފުންޏަށް ގެއްލުންވި އެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެމްއޭސީއެލްއަށް 346 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެ އެވެ.

ކޮވިޑާ ގުޅިގެން މާލެ ލޮކްޑައުންގައި އޮތް ދުވަސްވަރު މޯލްޑިވިއަންގެ ބޯޓަކުން ރާއްޖެ ގެނައި ކާގޯތަކެއް ބަލާނީ. ފޮޓޯ: މޯލްޑިވިއަން

އައިލެންޑް އޭވިއޭޝަނަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި 109,5 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި 457.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީގެ އިތުރުން އެސްޓީއޯއަށް ވެސް ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ 45 ޕަސެންޓް ދަށްވެފަ އެވެ. އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 2.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ ކުއާޓަރުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ވެސް އެސްޓީއޯއަށެވެ.

ސަރުކާރު ހިއްސާވާ 28 ކުންފުންޏަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ 41 ޕަސެންޓް ދަށްވެފަ އެވެ. އެ ކުންފުނިތަކަށް އާމްދަނީގެ ގޮތުގައި ޖުމްލަ ލިބިފައި ވަނީ 4.2 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 7.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ޕީސީބީގެ ރިޕޯޓުގައިވާ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފައިދާ ވަނީ 86 ޕަސެންޓް ދަށްވެފަ އެވެ. ސަރުކާރު ހިއްސާވާ 28 ކުންފުންޏަށް މިދިޔަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނީ 138.5 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ.