ބޭންކް އޮފް މޯލްޑިވްސް އަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމުގެ ގޮތުން މިރޭ ހަފްލާއެއް ބާއްވައިފިއެވެ.

މި ހާއްސަ ހަފްލާގައި ބޭންކަށް 15 ،20 ،25، 30، 35 އަދި 40 އަހަރު ބޭންކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ވަނީ އެވޯޑް ދީފައެވެ.

ޑެޕިއުޓީ ސީއީއޯ ޢާއިޝަތު ނޫރައްދީން، ޑިވެލޮޕްމަންޓް ބޭންކިން ޑައިރެކްޓަރު، ފާތިމަތު މަނިކެ އާއި ސީނިއާ ފެސިލިޓީސް އޮފިސަރު މޫސާ މުޙައްމަދު އަށް ވަނީ ބޭންކު ހުޅުވުނު ދުވަހުން ފެށިގެން 40 އަހަރުގެ ދިގު ހިދުމަތެއް ކޮށްދެއްވާފައިވާތީ އެކަމަށް ހާއްސަ އެވޯޑެއް ދީފަ އެވެ.

މި ހަފްލާގައި 35 އަހަރު ބޭންކަށް ހިދުމަތްކޮށްދެއްވާފައިވާ ސީނިއާ ރީކޮންސިލިއޭޝަން އޮފިސަރު ފިރާގު އަހުމަދުއަށް ވެސް ވަނީ ހާއްސަ އެވޯޑެއް ދީފަ އެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި މި ހަފްލާގައި ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވަނީ 68 މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދީފަ އެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ކާލް ސްޓުމްކަ ވިދާޅުވީ މި ގައުމުގެ އެންމެ ކުރިއަރާފައިވާ ބޭންކުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ދެމެހެއްޓުމަށް ގިނަ އަހަރުތަކެއް ވަންދެން ހީވާގިކަމާއެކު ކޮށްދެއްވި ބުރަ މަސައްކަތަށް ޝުކުރުއަދާކުރާ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ އެއް ކުންފުންޏެވެ.

ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާ ކުރުމަށްފަހު ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ފޯރުކޮށްދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭފަދަ ބޮޑު ބަދަލުތަކެއް ދަނީ ގެންނަމުންނެވެ.

ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ ސްޓާފް އެވޯޑް އަދި ލޯންގް ސަރވިސް އެވޯޑް ފަދަ ހަރަކާތްތައް ބާއްވަމުންނެވެ.