ސަރުކާރުގެ މަޝްރޫއުތައް ހިންގާ ފަރާތްތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިޒަމް ބޭނުމަށް ދޫކުރާނެ ހަ ރަށެއް ކަނޑައަޅަައިފި އެވެ.

މިއީ މިއަހަރުގެ ޖޫންމަހު ގެޒެޓުކޮށްފައިވާ ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ލިސްޓެކެވެ.

ކްރޮސް ސަބްސިޑީއަށް ތަންތަން ދޫކުރުމަކީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލްކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާޢީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިޢުލާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫޢެއް ހަވާލުކުރެވޭ ފަރާތަކަށް ނުވަތަ އެފަދަ މަޝްރޫއަކަށް ހަރަދުކުރާ ފަރާތަކަށް ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރަށެއް ކުއްޔަށް ދޫކުރުމެވެ. އެގޮތުން އެއާޕޯޓުތައް އެޅުމަށާއި، ފެރީ ހިދުމަތް ދިނުމަށާއި، އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫއުތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށްތައް ދޫކުރެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި މިހާރު އާއްމުކޮށްފައިވާ ލިސްޓަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކްރޮސް ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައިވާ ރަށްތަކެވެ. ކުރިއަށް އޮތްތާނގައި މި ލިސްޓަށް އުނި އިތުރުތައް އަންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިޒަމް ބޭނުމަށް ކަނޑައަޅާފައިވާ ރަށްތައް:

  1. ށ. ކުޑަޅައިމެންދޫ
  2. ނ. ކުންނަމަލެއި
  3. ޅ. މެއްޔަފުށި
  4. ތ. ދިއްފުށި
  5. ތ. ކަޅުފަހަލަފުށި
  6. ގއ. ފުޅަނގި

މި ލިސްޓުގައި މީގެ ކުރިން ރައީސް ރިސޯޓު ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ތިން ރަށެއް ވެސް ހިމެނެ އެވެ.

ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ކުއްޔަށް ދޫކުރާއިރު އެތަނެއް ހިންގުމަށް ހުއްދަ ދޫކުރެވޭނީ މަޝްރޫއުގެ ތެރެއިން ހަވާލުވާ ފަރާތުން ކުރަން ކަނޑައަޅާފައިވާ މަސައްކަތް ނިންމުން، ނުވަތަ މަޝްރޫޢުގެ ތެރެއިން، ހަވާލުވާ ފަރާތުން ކުރަން ކަނޑައަޅާފައިވާ މަސައްކަތް އެއްކޮށް ނިންމަން ބޭނުންވާ ޖުމްލަ ފައިސާ، ދައުލަތާ ހަވާލުކުރުމުންނެވެ.

އެ މަޝްރޫއު ހަވާލުކުރުމަށް ވެވޭ އެއްބަސްވުމާ އެއްގޮތަށް އެ މަޝްރޫޢު ކުރިއަށް ނުގެންދިއުމާ ގުޅިގެން މަޝްރޫއު ހިންގުމަށް ހަވާލުކުރުމުގައި ހެދިފައިވާ އެއްބަސްވުން ބާތިލުކުރާ ހާލަތުގައި، ކްރޮސް ސަބްސިޑީގެ ގޮތުގައި ކުއްޔަށް ދެވޭ ރަށުގެ އެއްބަސްވުން ބާތިލްކުރެވޭނެ އެވެ.

މަޝްރޫއަށް ޚަރަދުކުރަން ހުށަހަޅާފައިވާ ޖުމްލަ ފައިސާ، ސަރުކާރަށް ދައްކަން 60 ދުވަހުގެ މުއްދަތެއް ދިނުމަށް ހަމަޖެހިފައިވާއިރު، މުއްދަތު އިތުރުކުރުމަށް އެދުމުން، އެންމެ ފުރަތަމަ ދިން މުއްދަތު ހިމެނޭގޮތަށް ޖުމްލަ 180 ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއް ދިނުމުގެ އިހްތިޔާރު ގަވާއިދުގެ ދަށުން ރައިސްއަށް ލިބިފައިވެެ އެވެ.

ކްރޮސް ސަބްސިޑީއަށް ރަށްތައް ދޫކުރުމަކީ ކުރީ ސަރުކާރުތަކުން ވެސް ގެންގުޅުނު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ރަށްރަށް ދޫކޮށްފައި ހުރި ނަމަވެސް، މީގެ ކުރިން މިހެން ހިންގާ މަޝްރޫއުތަކަށް ރަށްތައް ހަވާލުކުރުމާއި އެކުއިޒިޝަން ކޮސްޓު ކަނޑައަޅާނެ ގޮތުގެ އުސޫލެއް ނޯވެ އެވެ.