އިންޓަގްރޭޓެޑް އާބަން ޓޫރިޒަމް ޕްރޮޖެކްޓް "އާބަން އައިލް"ގެ ނަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިންގަން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން އިއުލާން ކޮށްފި އެވެ.

އާބަން އައިލް އަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެންމެ އުތުރުން އޮންނަ ޓޫރިޒަމަށް ހާއްސަ ކޮށްފައިވާ ރަށެކެވެ.

ހުޅުމާލެ އާއި އަދި ރާއްޖޭގެ އިގުތިސާދީ މައި ހަބާ އާބަން އައިލް ގުޅިފައިވުމުން މި ތަނުގެ ޓޫރިޒަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ އެވެ. މި ޕްރޮޖެކްޓް އިޢުލާންކޮށްފައި ވަނީ ރޭ ކްރޮސް ރޯޑްސްގައި ބޭއްވި މި އަހަރުގެ "ގޯލްޑް 100 ގާލާ" ހަފްލާގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އެވެ.

އާތިފް ވިދާޅުވީ، މި މަޝްރޫއައަކީ ހަމައެކަނި ބޮޑެތި އިންވެސްޓަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެއް ނޫން ކަމަށާއި މި މަޝްރޫއަކީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ އިންވެސްޓަރުންނަށް ވެސް އިންވެސްޓްކުރެވެނޭ ފަދަ މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރުއާއެކު ޓޫރިޒަމަށް ބޮޑެތި ކުރިއެރުންތައް ލިބޭނެ ކަމަށާއި، މި މަޝްރޫއާއެކު ވަޒީފާގެ އެތައް ފުރުސަތުތަކެއް އުފެދިގެންދާނެ ކަމަށް ވެސް އާތިފް ވިދާޅިވި އެވެ.

ގާތްގަނޑަކަށް 23 ހެކްޓަރުގެ މި ރަށުގައި ޓޫރިޒަމަށް ޚާއްސަ ތަފާތު ގިނަ އެކޮމޮޑޭޝަން ފެސިލިޓީތައް ހިމެނޭނެ އެވެ. މިގޮތުން ޗުއްޓީ ހޭދަކުރުމަށް އަންނަ ޓޫރިސްޓުންގެ އިތުރުން، ކުރު މުއްދަތަކަށް ނުވަތަ ޓްރާންސިޓްކޮށް މަޑުކުރާ ޓޫރިސްޓުންނަށާއި، ވިޔަފާރި ކަންކަމު އަންނަ ޓޫރިސްޓުން، އަދި، ޑިޖިޓަލް ނޮމެޑްސް ފަދަ ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ބޭނުންވާ ފަދަ އެކޮމޮޑެޝަންތައް ހިމެނެ އެވެ.

މީގެ ތެރޭގައި ލަގްޒަރީ ވިލާ، ސާވިސް އެޕާޓްމަންޓް، ސިޓީ ހޮޓެލް، މިޑް ސްކޭލް އަދި އަޕް ސްކޭލް ހޮޓެލްއާއި ގެސްޓް ހައުސްތަކުގެ އިތުރުން ބްރޭންޑަޑް ރީޓެއިލް އަދި މަތީ ފަންތިއެއްގެ ރެސްޓޯރަންޓްތައް ވެސް ހުންނާނެ އެވެ.

"އާބަން އައިލް" މަޝްރޫޢުގައި ހިމެނޭ ތެރޭގައި:

  • މެދު ފަންތީގެ 10 ބުރީގެ 3 ހޮޓާ - 19103 އަކަމީޓަރުގެ ސަރަހައްދެއް
  • މަތީ ފަންތީގެ 10 ބުރީގެ 3 ހޮޓާ - 50681 އަކަމީޓަރުގެ ސަރަހައްދެއް
  • 8-10 ބުރީގެ 4 ސިޓީ ހޮޓާ - 2850 އަކަމީޓަރުގެ ސަރަހައްދެއް
  • 6 ބުރީގެ 21 ގެސްޓްހައުސް - 9224 އަކަމީޓަރުގެ ސަރަހައްދެއް
  • 3 ބުރީގެ 11 ލަގްޒަރީ ވިލާ - 5083 އަކަމީޓަރުގެ ސަރަހައްދެއް
  • 8-12 ބުރިއަށް، ސާވިސްޑް އެޕާޓްމަންޓް ހަދަން 7006 އަކަމީޓަރުގެ 10 ބިން
  • ވިޔަފާރިތައް ތަރައްގީކުރަން 9 ބިން - 9474 އަކަމީޓަރުގެ ސަރަހައްދެއް

މި ޕްރޮޖެކްޓުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސޯދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި ޓޫރިޒަމް ސިނާއަތާއި ރިއަލް އެސްޓޭޓު ސިނާއަތުގައި ހިމެނޭ ދިވެހި ވިޔަފާރިތަކަށް ކުރިއެރުން ލިބުމުގެ އިތުރުން މީގެ ސަބަބުން މި ސަރަހައްދުގައި އޮޕަރޭޓުކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށާއި އަލަށް ވިޔަފާރީގެ މައިދާނަށް ވަންނަ ފަރާތްތަކަށް ވެސް ފަހި ފުރުސަތުތަކެއް ލިބޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

މީގެ އިތުރުން ހުޅުމާލޭގެ ގެސްޓު ހައުސްތަކަށްވެސް އާބަން އައިލްއަށް އަންނަ ކޮމާޝަލް، އެފްއެންބީ، ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ފެސިލިޓީތަކުގެ ސަބަބުން އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.