ހއ. އިހަވަންދޫގައި ދުއްވާ "މާހޯރަ-3" ދޯނިން އެއް ދުވަހެއްގައި އެންމެ ގިނައިން ކަންނެލި ކިރުމުގެ ރެކޯޑް ގާއިމުކޮށްފި އެވެ.

އެ ދޯނިން ވަނީ ހުޅުމާލޭގައި ހުންނަ އެންސިސް މަސް ފެކްޓަރީއަށް މިމަހުގެ ހަ ވަނަ ދުވަހު 11 ޓަނުގެ މަސް ކިރުވާފަ އެވެ.

އެންސިސް ފިޝަރީޒުން ބުނީ "މާހޯރަ-3" ދޯނިން 11.86 ޓަނުގެ ކަންނެލި ކިރުވާފައިވާ ކަމަށާ، ކިރުވި މަހަށް އެ ދޯންޏަށް 651،137 ރުފިޔާ އެ ދުވަހު ދީފައިވާ ކަމަށެވެ.

"މަހޯރާ-3" ދޯނިން އެންސިސް މަސް ފެކްޓަރީއަށް 11 ޓަނުގެ މަސް ކިރުވާފައިވާއިރު މިއީ އެންސިސްގެ ތަރީޚުގައި ވެސް ކަންނެލި ކިރާ ދޯންޏަކުން އެންމެ ގިނަ އަދަދަކަށް މަސް ކިރުވިފަހަރު ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މީގެ ކުރިން އެންސިސްއަށް އެންމެ ގިނައިން ކަންނެލި ކިރުވައިފައި ވަނީ ރަސްދޫ "ޒޫމް ފިޝާ" ދޯނިން ކަމަށާއި، އެ ދޯނިން އެފަހަރު 11.5 ޓަނުގެ މަސް ކިރުވާފައިވާ ކަމަށް ވެސް އެންސިސް ފިޝަރީޒުން ބުންޏެވެ

އިހަވަންދޫގެ މަހޯރާ ދޯނިން ކަންނެލީގެ ރެކޯޑެއް ޤާއިމްކޮށްފައިވާއިރު، ގދ. މަޑަވެލީގެ ޓީއެސް ލައިން ދޯނިން ވަނީ މިދިޔަ ސެޕްޓެމްބަރުމަހު 57.1 ޓަނުގެ ކަޅުބިލަ މަސް ކޫއްޑޫއަށް ކިރުވައި ރެކޯޑެއް ގާއިމްކޮށްފަ އެވެ. ޓީއެސް ލައިން ދޯނިން ކިރުވި މަހަަށް ވަނީ 971،584 ރުފިޔާ ލިބިފަ އެވެ.