ރަޖިސްޓްރީ ނުކުރާ ސިމް ބޭނުންކޮށްގެން ސްކޭމް ކޯލް ކުރުމާއި އެކަމާ ގުޅުން ހުރި މައްސަލަތައް ގިނަވާތީ އެކަން ހައްލު ކުރުމުގެ ގޮތުން، ޕްރީ އެކްޓިވޭޓަޑް ސީމް ކާޑު ވިއްކުން މާދަމާއިން ފެށިގެން މަނާވާނެ ކަމަށް ކޮމިއުނިކޭޝަން އޮތީރިޓީ އޮފް މޯލްޑިވްސް (ކެމް) އިން މިއަދު ބުނެފި އެވެ.

އެ އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ނޭދެވޭ އަމަލުތައް ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމާ އެކު، އެފަދަ އަމަލުތައް މަދުކުރުމަށް އަޅާ ފިޔަވެޅެއްގެ ގޮތުން، މޯބައިލް ފޯނު ހިދުމަތް ހޯދުމަށް ބޭނުންކުރާ ސިމްކާޑު ދޫކުރާ އުސޫލަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އުސޫލަށް ގެނައި ބަދަލުތަކާ އެކު، ސިމްކާޑު ކަސްޓަމަރުންނަށް ދޫކުރުމުގެ ކުރިން ހުންނާނީ ބޭނުންނުކުރެވޭ (ނޮން އެކްޓީވޭޓަޑް ސްޓޭޓަސް) ހާލަތުގައި ކަމަށް ކޭމް އިން ބުންޏެވެ.

"ސިމްކާޑު އެކްޓިވޭޓް ވާނީ، ސިމްކާޑު ދޫކުރާ ކަސްޓަމަރުގެ ފުރިހަމަ މައުލޫމާތު ސާވިސް ޕްރޮވައިޑަރަށް ލިބުމުންނެވެ،" އެ އޮތޯރިޓީން ބުންޏެވެ.

އެކަމާ ބެހޭ އިތުރު ތަފުސީލު، ހިދުމަތް ހޯދަން ބޭނުންވާ ސާވިސް ޕްރޮވައިޑަރުގެ ފަރާތުން ލިބޭނެ ކަމަށް ކޭމް އިން ބުންޏެވެ. އަދި ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމަށް އެ އޮތޯރިޓީން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ކުރިއަށް އޮތްތަނުގައި އިތުރު ކަންކަން ވެސް ކުރާނެ ކަމަށް ބުންޏެވެ.

"ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމަށް މި އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިޔަށް އޮތް ތަނުގައި އިތުރު ކަންކަންވެސް ކުރުމަށް ހަމަޖެހިފައިވާ ވާހަކަ މި ފުރުސަތުގައި ދަންނަވަން،" އެ އޮތޯރިޓީން ބުންޏެވެ.

ޓެލެކޮމިއުނިކޭޝަން ހިދުމަތް ދޭ ކުންފުނިތަކުން އަމަލުކުރަން ޖެހޭ އުސޫލުތައް ލުއިކޮށް އޮތުމުގެ ސަބަބުން ރަޖިސްޓާ ނުކޮށް ހުންނަ ސިމްތައް ބޭނުން ކޮށްގެން ސްކޭމް ކޯލް ކުރުމުގެ މައްސަލަ އޮތީ ވަރަށް ބޮޑުވެފައިވެ އެވެ.