ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސްމާޓް ސިޓީ ބްރޭންޑް ކަމަށްވާ ސްމާޓްކޮމްއިން ޑިޖިޓަލް ޕްލެޓްފޯމްތަކަށް ހާއްސަކޮށްގެން ސްމާޓްކޮމް ފެއާއެއް މާދަމާ ބޭއްވުމަށް ހަމަޖައްސައިފި އެވެ.

އެޗްޑީސީން ބުނީ މިފެއާ އޮންނާނީ މާދަމާ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ. މި ފެއާގައި ތަފާތު ހިދުމަތްތައް ދިނުމަށް ބޭނުންކުރާ އެޕްލިކޭޝަންތަކާ އެނޫން ވެސް ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރާގޮތާބެހޭ މަޢުލޫމާތު ގާތުން ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނެކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެޗްޑީސީއިން ބުނީ މި ފެއާގައި ސްމާޓް ސިޓީ ސޮލިއުޝަންތަކާ ބެހޭ މުހިއްމު މައުލޫމާތާއި އެހެނިހެން ޑިޖިޓަލް ހިދުމަތްތަކާ ބެހޭ މައުލޫމާތުގެ އިތުރުން ސައިބާ ކުށްތަކުން ސަލާމަތްވާނެ ގޮތްތަކާ ބެހޭ ޕެނަލް ޑިސްކަޝަންތައް ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ފެއާއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހާއްސަ އިނާމުތަކާއެކު ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމުގައި އެޗްޑީސީ އިން ބުނެ އެވެ.

އެގޮތުން މިލަކީ ޑްރޯޔަކުގައި ބައިވެރިވެގެން ލިބޭ ތަފާތު އިނާމުތަކުގެ ތެރޭގައި ސްމާޓް ވޮޗް، 300 ޖީބީގެ އިންޓަނެޓާއެކު ލިބޭ އެއާ ފައިބާ ރައުޓާ، އަދި 1000 ރުފިޔާގެ އަގު ހުރި ފަސް ވައުޗާ ހިމެނެ އެވެ.

ސްމާޓްކޮމް އަދި އެޗް.ޑީ.ސީގެ އޯޕަން އެކްސެސް ނެޓްވޯކު ޚިދުމަތްތައް ފެށިތާ އެއްއަހަރު ވުމާ ގުޅިގެން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ތަފާތު ގިނަ ހަރަކާތްތަކެއް އެޗްޑީސީން ދަނީ ބާއްވަމުންނެވެ.