އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަކީ ސަރުކާރުގެ އެހެން ކުންފުނިތަކާ ހިލާފަށް ޒިންމާ ބޮޑު އުނދަގޫ މަސްއޫލިއްޔަތުތަކެއް އުފަލަން ޖެހޭ މަގާމެކެވެ. އެ މަގާމާ ހަވާލުވާ މީހާއަކީ އެ ޒިންމާ އުފުލައި، ހިއްސާދާރުން އެދޭ ފަދަ ނަތީއްޖާއެއް ހާސިލްކުރެވޭވަރުގެ މީހަކަށް ވާން ޖެހެ އެވެ.

ދެހާސް އަށާރަވަނަ އަހަރުގެ ނޮވެމްބަރު 30 ވަނަ ދުވަހު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަަށް ހުސެއިން އަމްރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރެއްވީ އެ މަގާމުގެ މަސްއޫލިއްޔަތު އެންމެ ރަނގަޅަށް އަދާކުރެވޭނެ އަދި ސަރުކާރާއި އާއްމު ރައްޔިތުންގެ މަސްލަހަތު ހިމާޔަށްކޮށް ކުންފުންޏަށް އެންމެ ރަނގަޅު ނަތީޖާއެއް ހޯދައިދެވޭނެ ބޭފުޅަކީ އަމްރު ކަމާމެދު ޔަގީންކަން އޮވެގެންނެވެ.

މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އަމްރު ވަނީ އެކަން ސާބިތުކޮށްދެއްވައިފަ އެވެ. ކޮވިޑްގެ ދަތި އުނދަގޫ ދުވަސްވަރު ވެސް ސަރުކާރާއި ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ އަދި އަސާސީ ބާވަތްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވި އެވެ. ދުނިޔޭގެ އިގްތިސާދު ފުން ވަޅުގަނޑަކަށް ވެއްޓި ރާއްޖޭގެ އިގްތިސާދަށް ވެސް އޭގެ ނޭދެވޭ އަސަރު އިންތިހާއަށް ފޯރި ނަމަވެސް އަމްރު ގެންދެވީ އެކަމުން އަރައިގަނެވޭނެ ގޮތްތައް ރާއްވަވަމުންނެވެ. ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރަކީ ވެސް އެސްޓީއޯއިން މާލީ ގޮތުން ކުރިއެރުންތަކެއް ހޯދި އަހަރެކެވެ.

ކާމިޔާބު ހަތަރެއް

މިދިޔަ ހަތަރު އަހަރަކީ އެސްޓީއޯގެ ދިގު ތާރީހުގައި ފާހަގަކޮށްލެވޭ ކުރިން ނުދެކޭ ފަދަ ކާމިޔާބު އަދި ފައިދާ ބޮޑު ހަތަރު އަހަރެވެ. މި ހަތަރު އަހަރުގެ ތެރޭގައި އެސްޓީއޯއިން ވަނީ އެތައް ގިނަ މަޝްރޫއުތަކެއް ފަށައި، ރައްޔިތުންނާއި ހަމައަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދީފަ އެވެ. ރައްޔިތުންގެ އެތައް ގިނަ ބޭނުންތަކެއް ފުއްދައިދީ ގައުމަށް އެކި ގޮތްގޮތުން ތަރައްގީ ގެނައުމަށް މަގުފަހި ކޮށްދީފަ އެވެ. ވަކި ރަށެއް ވަކި ދާއިރާއެއް ބެލުމެއްނެތި ހަމަހަމަކަމާއެކު ރައްޔިތުންނާއި ގާތުން ގުޅިގެން އެތައް މަސައްކަތެއް ކޮށްފަ އެވެ.

އެގޮތުން ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި:

  • މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި އެސްޓީއޯއާއެކު، ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ސަރުކާރުގެ ނާސްތާ ޕްރޮގްރާމުގެ ދަށުން ޑެވަންޑޭލް ފޯރުކޮށްދިނުމަށް އެއްބަސްވެވުނު. މި ޕްރޮޖެކްޓްވެގެން ދިޔައީ އެސްޓީއޯއިން ސްކޫލްތަކުގެ ދަރިވަރުންގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރެވުނު މަސައްކަތަކަށް
  • އެސްޓީއޯއިން ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެސްޓީއޯގެ ފާމަސީ އެއް ހުޅުވާފައި.
  • އެސްޓީއޯގެ މެންޑޭޓުގެ މައިގަނޑު އެއް އަސާސްކަމުގައިވާ ރާއްޖޭގެ ފުޑް ސެކިއުރިޓީ ދެމެހެއްޓުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކާޑުގެ ބާވަތްތައް ހުސްނުވެ ހަމައަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި އެސްޓީއޯ ސްޓޭޕްލްސް އެޖެންޓުން އައްޔަންކުރަން ފެށި
  • އެސްޓީއޯގެ މުވައްޒަފުންނަށް 6 މަސްދުވަހުގެ މެޓާނިޓީ ލީވް ދިނުމަށް ފާސްކުރެވުނު
  • 2020 ވަނަ އަހަރަކީ އެސްޓީއޯއިން ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއް
  • ހަމަމިއާއެކު، އެސްޓީއޯއިން ވަނީ އެޑްވާންސް ސެޓްފިކެޓް އިން ފާމަސީ ކޯސް ހެދުމުގެ ފުރުސަތު އާންމުންނަށް ފަހި ކޮށްދީފައި.
  • ރީޖަނަލް ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ ގޮތުން ސެންޓްރަލް ސްޓެރައިލް ސާރވިސެސް ޑިޕާޓްމެންޓު ސެޓްއަޕް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްއަށް ފޯރުކޮށްދެވުނު. އަދި ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭނަރެއް އިންސްޓޯލްކޮށްދިން.
  • އެސްޓީއޯއިން ވަނީ 4 ހޮސްޕިޓަލް ޕްރޮޖެކްޓުގެ ދަށުން ހދ. ކުޅުދުއްފުއްޓަށް އެމްއާރުއައި ޑައިގްނޯސްޓިކް އިކުއިޕްމެންޓު ހަދިޔާކޮށްފައި
  • ކޮވިޑް 19 ގެ ތެރޭގައި، އެސްޓީއޯއިން ވަނީ ހާއްސާ ރިކުއެސްޓުތަކަށް ރާއްޖެއިން ބެރުން ބޭސް ގެނެވޭނެ އިންތިޒާމްތައް ހަމަޖައްސާފައި. މި ހިދުމަތް ވެގެންދިޔައީ ރާއްޖެއިން އާއްމުކޮށް ލިބެންނުހުންނަ ބޭސް ބޭނުންކުރާ ފަރާތްތަކަށް ވެގެންދިޔަ ވަރަށް ބޮޑު ފަސޭހައަކަށް.
  • މީގެ އިތުރުން އާއްމުންނަށް ފަސޭހަކޮށްދިނުމުގެގޮތުން އޮންލައިން ފޯމު މެދުވެރިކޮށް ބޭސް ސިޓީ ފޮނުވޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފައި.
  • 2020 ވަނަ އަހަރު ވެގެން ދިޔައީ ކޮރޯނާ ޕެންޑަމިކްގެ އަސަރު މުޅި ދުނިޔެއަށް ކުރުވި ދަތި އުނދަގޫ އަހަރަކަށް. ނަމަވެސް ކޮވިޑްގެ ތެރޭގައި ވެސް އެސްޓީއޯއިން ވަނީ ހުއްޓުމެއްނެތި ގިނަ މަސައްކަތްތަކެއް ކޮށްފައި.
  • އެގޮތުން ލޮކްޑައުން ކުރުމާ ގުޅިގެން ފުޑްކޯޓުތަކުގައި ވިޔަފާރި ކުރަމުން އައި އެސްއެމްއީސްތަކަށް ދިމާވި ދަތިތަކުން އަރައިގަތުމަށް އެސްޓީއޯއިން ވަނީ ލީސް އެސިސްޓެންސް ފޯރުކޮށްދީފައި.
  • ހަމަމިއާއެކު ކޮވިޑް ޕޭޝަންޓުންގެ އަދަދު އިތުރުވަމުން ދިޔުމާ ގުޅިގެން، ތާޖުއްދީން ސްކޫލުގައި 19 ބެޑްގެ ސެޓްއަޕް އެއް ކުރުމުއްދަތެއްގެ ތެރޭގައި ވަނީ ހަމަޖައްސާފައި.
  • އަދި ކޮވިޑް ފެސިލިޓީސް ގާއިމުކުރުމަށް ބޭނުންވާ ކޮންސްޓްރަކްޝަން ތަކެތި އެސްޓީއޯއިންވަނީ ފޯރުކޮށްދީފައި.
  • ހަމަމިއާއެކު އެސްޓީއޯ މެޑިކަލްސްއިންވަނީ ރީޖަނަލް ކޮވިޑް 19 ފެސިލިޓީތަކުގައި މެޑިކަލް އިކިއުޕްމަންޓު ހަރުކޮށްފައި. މިއީ ކޮވިޑް 19 އިން ރައްކާތެރިވެ ކްރިޓިކަލް ކެއަރ ޕޭޝަންޓުންނަށް ފަރުވާކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު އެހީއެއް.
  • 2020 ވަނަ އަހަރުގެ މާރޗް މަހު އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިންގް ގާއިމުކުރި.
  • އަދި އެ އަހަރުގެ އޭޕްރިލް މަހުގައި އެމްއެސްއެސްގެ ފުރަތަމަ ޝިޕިން ވެސަލް އައިބީރިއަން އެކްސްޕްރެސް މާލެ ގެނެއި.
  • 2020 ވަނަ އަހަރު އެސްޓީއޯއިން އޮންލައިން ޝޮޕިންއަށް މަގު ފަހިކޮށްދެވި، އީ-ސްޓޯރު ފެށި.
  • އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފާމަސީއެއް ހުޅުވި.
  • އެސްޓީއޯއިން ބަސް ޓާމިނަލްއެއް މާފަންނުގައި ގާއިމްކޮށްދިން.
  • އެސްޓިއޯއިން ވަނީ މިނިސްޓްރީ އޮފް ހެލްތުއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، 96 އެމްބިއުލަންސް ގެނެސް، ރާއްޖޭގެ ރަށްރަށަށް ޑެލިވާކޮށްދީފައި.
  • ތެރަޕިއުޓިކް ސެކްޓަރއިން ދިވެހިން ތަމްރީންކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން 3 ދަރިވަރަކަށް ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެސްޓީއޯ އިން ސްޕޮންސާ ދިން.
  • ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެސްޓީއޯ އާއި ޓިވެޓް އާއެކު އެސްޓީއޯ އެޕްރެންޓިސްޝިޕް ޕްރޮގެރާމްގެ އެމްއޯޔޫ ގައި ސޮއިކުރެވުނު. މި ޕްރޮގްރާމްގެ ދަށުން ރީޓޭލް ޚިދުމަތް، އޮޓޮމޯޓިވް މެއިންޓަނަންސް، އިލެކްޓްރިޝަނުން، އަދި އައިޓީ ޓެކްނީޝަނުން ތަމްރީން ކުރެވޭނެ.
  • މިނިސްޓްރީ އޮފް ހެލްތު، ނޭޝަނަލް ޔުނިވަސިޓީ، އަދި ޖީއީ ހެލްތުކެއާ ގުޅިގެން އެސްޓީއޯއިން ވަނީ ޑިޕްލޮމާ އިން ރޭޑިއޮލޮޖީ ކޯސް ހިންގުމަށް އެއްބަސްވެފައި. މީގެ ސަބަބުން ދިވެހިންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ.
  • 2021 ވަނަ އަހަރު ނޮވެންބަރު މަހު އެމްވީ އެމްއެސްއެސް ގަލޭނާ ވަނީ މާލޭގެ ކޮމާޝަލް ހާބަރަށް ބަނދަރުކުރެވިފައި. މިއީ ރާއްޖެއަށް މުދާ އެތެރެކުރުމަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް.
  • ދަނޑުވެރިން އުފައްދާ މުދާ ފައިދާވާނެ އަގުތަކެއްގައި ވިއްކުމަށް މަގުފަހި ކުރުމުގެ ގޮތުން އެސްޓީއޯ އެގްރި ސެންޓަރު ވަނީ ގާއިމުކޮށްފައި. އަދި ތޮއްޑޫ އެގްރި ސެންޓަރުގެ ހިދުމަތްވަނީ ފަށާފައި. އެގްރި ސެންޓަރުގެ ޒަރިއްޔާއިން ދިވެހި ދަނޑުވެރިންނަށް އެ ފަރާތްތަކުން އުފައްދާ ތަކެއްޗަށް ހަމައަގު ލިބުމަށް ވަނީ މަގުފަހިވެފައި.
  • އެސްޓީއޯ ފާމަސީތަކުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލާ، ކަރުދާސް ކޮތަޅުތަކުގައި ބޭސް ދޫކުރަން ފެށުނު.
  • ތިމާވެއްޓާއި ރައްޓެހި ސިމެންތި ތައާރަފްކުރި.
  • މިނިމަމް ވޭޖްގެ މިންގަނޑުތަކަށް ފެތޭގޮތަށް މުވައްޒަފުންގެ މުސާރަ ދިނުމަށް ނިންމުނު. އެސްޓީއޯއަކީ މި ނިންމުން ނިންމާފައިވާ ސަރުކާރުގެ ފުރަތަމަ ކުންފުނި.
  • އެސްޓީއޯ މުވައްޒަފުންގެ މުސާރަ އޮނިގަނޑަށް ހެޔޮ ބަނދަލުތަކެއް ގެނެވުނު. މިފަދަ ބަދަލެއް އެންމެ ފަހުން ގެނެވިފައިވަނީ 2009 ވަނަ އަހަރު.
  • "އިވޯވް" ޑިޖިޓަލް ބޭންކިން އޮޕަރޭޓުކުރުމުގެ ލައިސެންސް ހޯދުމަށް އެމްއެމްއޭ އަށް ހުށަހެޅުނު.
  • އެސްޓީއޯގެ ފުށް ފެކްޓްރީގެ މަސައްކަތް ފެށުނު. އެސްޓީއޯ ފުށް ފެކްޓްރީ އެޅުމުގެ މަސައްކަތް ފެށުމަށްޓަކާ ކޮލްސަންޓަންޓުންގެ ޓީމެއް މާލެ އައިސް ސާވޭތައް ކުރިއަށް ގެންދެވުނު.
  • 2022 ވަނަ އަހަރު ފެށުނީ އެސްޓީއޯގެ ސްޓްރެޓީޖިކް ޕްލޭން އަދި ސްޓްރެޓީޖިކް މެޕް، މުވައްޒަފުންނަށް ހިއްސާކުރުމަށް ބޭއްވުނު ހަފްލާއަކުން. މި ހަފްލާގައި 2022 ވަނަ އަހަރު ކޮންމެ ޑިޕާޓްމަންޓަކަށް ކަނޑައެޅިފައިވާ ކޭޕީއައިތައް ވަނީ ޕްރެޒެންޓްކޮށްދެވިފައި
  • އެސްޓީއޯއަކީ އޭސީސީއޭ އެޕްރޫވްޑް އެމްޕްލޮޔާއެއްގެ ގޮތުގައި އޭސީސީއޭއިން ވަނީ ކަނޑައަޅާފައި.
  • އެސްޓީއޯއިން ވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓާއެކު އެޕްރެންޓިސްޝިޕް ޕްރޮގްރާމެއްގައި ސޮއިކޮށްފައި
  • ރާއްޖެ އެތެރެކުރާ ތެލުގެ ކޮލިޓީ ޓެސްޓްކުރާ ފިއުލް ޓެސްޓިން ލެބޯޓަރީއެއް ގާއިމްކޮށްފައިވޭ. މި ލެބް ހެދިފައިވަނީ ޔޫއޭއީގެ ޖިއޯކެމް އާއެކު. އަދި މިއީ މިފަދަ ފެސިލިޓީއެއް، މި ފެންވަރުގައި، ރާއްޖޭގައި ގާއިމްކުރެވުނު ފުރަތަމަ ފަހަރު.
  • އެސްޓީއޯ ޕީސީ އަދި ކޮންސްޓްރަކްޝަން އޭޖެންޓުންނަށްވުމަށް ހުޅުވާލެވުނު ފުރުސަތުގެ ދަށުން، މިއަދު ޖުމްލަ 207 އެސްޓީއޯ ޕީސީ އޭޖެންޓުން އަދި 65 ކޮންސްޓްރަކްޝަން އޭޖެންޓުން މިހާރު ތިބިކަން ފާހަގަކުރެވޭ.
  • ޒަމާނީ ފެންވަރަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓް ބަދަލުކޮށް، ރެކް އަދި ސްޕޭސް ލީސިން ތައާރަފްކުރެވުނު. މި މޮޑަލްއަށް ލިބުނު ތަރުހީބުގެ ދަށުން، އެސްޓީއޯ ޕީޕަލްސް ޗޮއިސް ވެގެން ދިޔައީ ކަސްޓަމަރުންގެ މެދުގައި މަގުބޫލް، ހިތްގައިމު ތަނަކަށް.
  • އެސްޓީއީއިން ވަނީ ތިލަމާލެ ބްރިޖަށް ރެޑީ މިކްސް ސަޕްލައިކޮށްދިނުމަށް އިންޑިޔާގެ އެފްކޮން ކުންފުންޏާއެކު މެއި 2022 ގައި ސޮއިކޮށްފައި. މި ޕްރޮޖެކްޓްގެ ދަށުން 7500 ސީބީއެމްގެ ކޮންކްރީޓް ސަޕްލައިކޮށްދިނުމަށް ވަނީ އެއްބަސްވެވިފައި.
  • ޖޫން 2022 ގައި އެސްޓީއޯއިން ވަނީ މަކީޓާ ޓޫލްސްއަށް ހާއްސަ ފިހާރައެއް ހުޅުވާފައި. އަދި ސާވިސް ސެންޓަރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެވިފައި.
  • މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެމްއެސްއެސް ގްރެފީންއާއި ހަވާލުވެވުނު. މިއީ އެމްއެސްއެސްއިން ގައުމުގެ އިގުތިސާދު ބިނާކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ފުރިހަމަކަމެއް.
  • މުވައްޒަފުންނަށް ހާއްސަކޮށް އެކިއެކި ޕްރިވިލެޖްތައް ލިބޭ ޕްރޮގްރާމެއް ވެސް އެ ކުންފުނިން ފަށާފައި ވަނީ މި އަހަރުގެ ތެރޭގައި. މި ޕްރޮގްރާމްގެ ދަށުން އެސްޓީއޯގެ މުވައްޒަފުންނަށް އެކި ވިޔަފާރިތަކުން ހާއްސަ ޑިސްކައުންޓްތަކެއް ލިބުމަށް ވަނީ މަގުފަހިކޮށްދީފައި.
  • މެޑިކަލް ސެގްމަންޓްގެ ތާރީޚުގައި އިންޓަނޭޝަނަލް ޓްރޭޑެއް، މޮރިޝަސްގެ ކުންފުންޏަކަށް ހަދާފައި ވަނީ ވެސް ހަމަ މި އަހަރުގެ ތެރޭގައި. މިއީ މެޑިކަލް ސެގްމަންޓް އަދި އެސްޓީއޯގެ ކްރެޑިބިލިޓީ އިތުރުކުރުމަށް ލިބިގެންދިޔަ މުހިއްމު ފުރުސަތެއް.
  • އަލަށް ވިހާ ކުދިންނަށްދޭ ހަދިޔާ ޕްރޮގްރާމްގެ ދަށުން، ރާއްޖޭގެ ހުރިހާ ރީޖަނަލް އަދި ސިޓީ ހޮސްޕިޓަލްތަކުގައި މި ޕްރޮގްރާމް ފެށުނު.

މިއީ އަމްރުގެ މޭސްތިރިކަމުގެ ދަށުގައި އެސްޓީއޯއިން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ހޯދި ފާހަގަކޮށްލެވޭ ކުރިއެރުންތަކެވެ. މި ފަދަ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް އަދިވެސް ހުއްޓުމެއްނެތި އެސްޓީއޯއިން ދަނީ ކުރަމުންނެވެ. ރައްޔިތުންނާއި މި ގައުމަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަސައްކަތް އަމްރު ގެންދަވަނީ ކުރައްވަމުންނެވެ.