ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ދިރާގާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތް ޑިސްއެބިލިޓީސް (އެމްއޭޕީޑީ) ގުޅިގެން ހދ. ކުޅުދުއްފުށީގައި ހާއްސަ ހަރަކާތްތަކެއް ބާއްވައިފި އެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގައި ހެލްތް އެންޑް ވެލްނެސް ކޭމްޕަކާއި ދިވެހިރާއްޖޭގެ ފުރަތަމަ ގައުމީ ޕެރަލިމްޕިކް ދުވަސް ފާހަގަކުރުމުގެ ގޮތުން އިންކްލޫސިވް ސްޕޯޓްސް ފެސްޓިވަލެއް ކުރިއަށް ގެންދިޔަ އެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދިޔަ ހެލްތް އެންޑް ވެލްނެސް ކޭމްޕްގައި މެޑިކަލް ސްކްރީން ކުރުމާއި ތެރަޕީ އަދި ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވެ އެވެ. މި ކޮންސަލްޓޭޝަންތައް ފޯރުކޮށްދީފައި ވަނީ ބައިނަލްއަގުވާމީ އަދި ލޯކަލް ސްޕެޝަލިސްޓުންގެ ޓީމަކުންނެވެ. މީގެ ތެރޭގައި ސްޕީޗް އެންޑް ހިއަރިން ތެރަޕިސްޓުންނާއި އޮކިއުޕޭޝަނަލް އެންޑް ބިހޭވިއަ ތެރަޕިސްޓުންނާއި ޑެންޓިސްޓުންނާއި ޕީޑިއެޓްރިކް އޯތޮޕީޑިކް ތެރެޕިސްޓްސް އަދި ފިޒިއޮތެރަޕިސްޓުން ހިމެނެ އެވެ.

މި ކޭމްޕްގައި 200 އަށް ވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުން ވަނީ ބައިވެރިވެފައިވެ އެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ގައުމީ ޕެރަލިމްޕިކް ދުވަސް އިފްތިތާހުކުރުމަށް ބޭއްވި ހާއްސަ ހަފްލާއާއި އިންކްލޫސިވް ސްޕޯޓްސް ހަވީރު ފައްޓަވާ ދެއްވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެވެ.

މި އިންކްލޫސިވް ފެސްޓިވަލްގައި ކުޅުދުއްފުށި ސިޓީގެ 90 އަށްވުރެ ގިނަ ކުދިން ވަނީ ބައިވެރިވެފަ އެވެ.

މި އިވެންޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭޕީޑީގެ ޗެއާޕާސަން އަހުމަދު މުހައްމަދު ވަނީ ދިރާގަށް ޝުކުރު އަދާކުރައްވައި 2011 ވަނަ އަހަރުން ފެށިގެން ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްތަކުން ނުކުޅެދިންކަން ހުންނަ ފަރާތްތަކަށް ޕްލެޓްފޯމެއް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އުފެދުމާއެކު ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގައި ގިނަ އަހަރުތަކެއް ވަންދެން ގަވައިދުން ބައިވެރިވި ބައެއް ކުދިންނަށް ބައިނަލްއަގުވާމީ ޕެރަލިމްޕިކް ކުޅިވަރުތަކުގައި ބައިވެރިވުމުގެ ޔަގީންކަމާއި އިތުބާރު ލިބިފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ދިރާގުގެ މެނޭޖަ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވި ގޮތުގައި ކުޅުދުއްފުށީ ސިޓީގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ހަރަކާތްތަކަށް ދިރާގުން ސަޕޯޓުކުރުމަކީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. މުޖުތަމަޢުތައް ބާރުވެރިކުރުވާ، މުޖުތަމައުގެ އެންމެން ޝާމިލުވާ ގޮތަށް މިފަދަ ސީ.އެސް.އާރު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އިސްކަންދޭން ބޭނުންވާކަމުގައިވެސް ވަނީ ފާހަގަކޮށްފަ އެވެ.

ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނާއި ޒުވާނުންން ބާރުވެރިކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއްދެ އެވެ. އަދި އެކި އެންޖީއޯތަކާ ގުޅިގެން ތަފާތު ޕްރޮގްރާމްތަކަށް އަންނަނީ އެއްބާރުލުންދެމުންނެވެ.