ކުރިއަށް އޮތްތަނުގައި އިތުރު ކްރޫޒް ޝިޕްތަކާއި ޕެސެންޖާ ލައިނާތައް ރާއްޖެ އަންނާނެ ކަމަށް ބެލެވޭ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

ކޮވިޑްގެ ކުރިން ރާއްޖެއަށް ކޮންމެ އަހަރަކު ގިނަ އަދަދެއްގެ ކްރޫޒް ޝިޕްތަކާއި ޕެސެންޖާ ލައިނާތައް ރާއްޖެ އާދެ އެވެ.

ކޮވިޑާ ގުޅިގެން ކްރޫޒް ޝިޕްތަކާއި ޕަސެންޖަރު ލައިނާތައް ދަތުރުކުރުން ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. ނަމަވެސް ކްރޫޒް ޝިޕްތައް އަލުން ރާއްޖެއަށް އަންނަން ފެށީ ދުނިޔޭގެ އެކި ގައުމުތަކުން ކޮވިޑާ ދެކޮޅަށް އެޅި ފިޔަވަޅުތަކަށް ލުއި ދޭން ފެށުމުންނެވެ.

އެ ލުއިތަކާއެކު ކްރޫޒް ޝިޕްތައް ދުނިޔޭގެ އެކިކަންކޮޅުތަކަށް ދަތުރުކުރުން އިތުރުވެފައިވެ އެވެ.

އެގޮތުން "އެމްއެސް ސެވަން ސީސް އެކްސްޕްލޯރާ" ކިޔާ ޝިޕެއް އިއްޔެ ވަނީ ރާއްޖެ އައިސްފަ އެވެ. މިއީ 2020 ވަނަ އަހަރަށްފަހު ރާއްޖެ އައި ދެވަނަ ކްރޫޒް ޝިޕެވެ. ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ވަނީ ރާއްޖެއަށް ކްރޫޒް ޝިޕްތައް އައުން ހުއްޓިފަ އެވެ.