މިއަހަރު ރާއްޖެ ޒިޔާރަތްކުރި 500،000 ވަނަ ޓޫރިސްޓަށް ހޫނު މަރުހަބާއެއް މިއަދު ކިޔައިފި އެވެ.

ފަސް ލައްކަ ވަނަ ޓޫރިސްޓަކީ ޖަރުމަނުގެ ކްރިސްޓިން މެޑެލިން ނަމަކަށް ކިޔާ މީހެކެވެ. އޭނާ ރާއްޖެ އައީ އެމިރޭޓްސްގެ ފްލައިޓެއްގައި މިއަދު ހެނދުނު 11:05 ގަ އެވެ.

ރާއްޖެ އައި 500،000 ވަނަ ޓޫރިސްޓުގެ އިތުރުން ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއައި 100،000 ވަނަ ޓޫރިސްޓަކީ ވެސް އަންހެނެކެވެ.

މިއަހަރު ރާއްޖެ އައި 500،000 ވަނަ ޓޫރިސްޓް ވީއައިއޭގެ އިމިގްރޭޝަން ނިންމާފައި ދަނީ. ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ފަސް ލައްކަވަނަ ޓޫރިސްޓަށް އެމްއެމްޕީއާރުސީން ވަނީ ހޫނު މަރުހަބާއެއް ކިޔުމަށް ހާއްސަ ކަންތައްތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ސަގާފީ ހަރަކާތްތަކެއް ވެސް ކުރިޔަށް ގެންދިޔަ އެވެ. މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ އާއި އެމްއޭސީއެލް އަދި މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އޭނާއަށް ޚާއްސަ ހަދިޔާތަކެއް ވެސް ދީފަ އެވެ.

މިއަހަރުގެ 500،000 ވަނަ ޓޫރިސްޓު ރާއްޖެ އައިއިރު، ޓޫރިޒަމް މިނިސްޓްރީން ކުރިން ލަފާކޮށްފައި ވަނީ ފަސް ލައްކަ ވަނަ ޓޫރިސްޓު ރާއްޖެ އަންނާނީ އަންނަ އާދިއްތަ ދުވަހު އެވެ. ނަމަވެސް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ، ސަރުކާރުން ކަނޑައެޅި އަމާޒަށް އޭގެކުރިން ވާސިލުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

މިއަހަރު ރާއްޖެ އައި 500،000 ވަނަ ޓޫރިސްޓަށް ވީއައިއޭ އިން މަރުހަބާކިޔަނީ. ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ކޮވިޑްއާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައިމަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލި ފަހުން، މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ލައްކައަކަށް ވުރެ އިތުރުވިއިރު އެ އަމާޒް ވެސް ކުރިން ލަފާކުރި ދުވަހަށް ވުރެ ކުރިން ވަނީ ހާސިލްވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރު 525،000 ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށް މިހާރު އަންދާޒާކުރެވޭ ކަމަށެވެ. އަދި އަންނަ އަހަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ލަފާކުރެ އެވެ.