ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއި ހަވާލުކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ މިހާރު ކުރިއަށްދަނީ ޑިޒައިން އަދި ސާވޭގެ މަސައްކަތްތަކާއި ސައިޓް ކްލިއަރެންސްގެ މަސައްކަތް ކަމަށެވެ. އަދި މިހާރު މަސައްކަތްތައް ރޭވިފައިވާ ގޮތުން އަންނަ މަހު މަޝްރޫއުގެ މަސައްކަތް ފެށޭވަރުވާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަކީ 2019 ވަނަ އަހަރު އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ހަމަޖައްސާދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންނާ މަޝްރޫއެކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރެވޭނެ ކަމަށެވެ. އަދި މިމަޝްރޫޢު ނިމުމުން އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދުއަށް އޮޕަރޭޓްކުރުމުގެ ގާބިލުކަން ލިބޭނެ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުއަކީ އުތުރުގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް މުހިއްމު މަޝްރޫއުއެއް ކަމަށް ސަރުކާރުން ބުނެ އެވެ.