ވިނަރެސް އެޕްލިކޭޝަންތަކާއި ގުޅިގެން ހިންގޭ ހުރިހާ މުއާމަލާތެއް ހިންގާނީ މައި ހުޅުމާލެ ޕޯޓަލްއިން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ވިނަރެސް ހައުސިން މަޝްރޫއު އިން ފްލެޓް ގަތުމަށް ފޯމް ހުށަހެޅި ފަރާތްތަކުން އެޗް.ޑީ.ސީގެ ފައިނޭންޝަލް އިވެލުއޭޝަންއަށް ހޮވިފައިވާ ފަރާތްތަކަށް ބޭނުންވާ އިތުރު ލިޔެކިއުން ހުށަހެޅުމަށާއި މިކަމާ ބެހޭ މައޫލޫމާތު ދިނުމަށް ބާއްވަން ހަމަޖެހިފައިވާ އޯޕަން ޑޭ މާދަމާއިން ފެށިގެން މިމަހުގެ ބާރަ ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އޯޕަން ޑޭ ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭ ވޯޓާސް އެޖްގަ އެވެ. އަދި ވަކިން ކޮންމެ ފަރާތަކަށް ވެސް އެޕޮއިންޓްމަންޓް ގަޑިއެއް ކަނޑައެޅިފައިވާ އިރު، މިކަމާ ބެހޭ ހުރިހާ މައުލޫމާތެއް ވެސް ހިއްސާ ކުރެވިގެން ދާނީ މިކަމަށް ހާއްސަކޮށްފައިވާ މައި ހުޅުމާލޭ ހައުސިން ޕޯޓަލް މެދުވެރިކޮށް ކަމަށް އެޗްޑީސީން ބުނެ އެވެ.

މީގެ އިތުރުން، އެޗްޑީސީން ވިނަރެސް އާ ގުޅޭ ހުރިހާ މައުލޫމާތެއް ވެސް ކުރިއަށް ގެންދާނީ ޕޯޓަލް މެދުވެރިކޮށް ކަންވެސް އެކުންފުނިން ވަނީ ބުނެފަ އެވެ. އަދި އެއްވެސް ލިންކެއް އަދި ފައިސާގެ މުއާމަލާތެއް ފޯނުން ގުޅައިގެން ނުހިންގާނެ އެވެ.

މި ދުވަސް ވަރަކީ އޮޅުވާލައިގެން ސްކޭމްތައް އާއްމު ވެފައިވާ ދުވަސްވަރަކަށް ވެފައި، މި ފަދަ މަސައްކަތްތަކަށް ބޭނުން ކުރާ މައޫލޫމާތުގެ ހައްސާސް ކަމުން، މި ހުރިހާ ކަމަކަށް ވެސް އެންމެހާ ބޭފުޅުން ވެސް ސާމާލުވުމަށް އެޗްޑީސީން ވަނީ އިލްތިމާސް ކޮށްފަ އެވެ.