ރާއްޖެއަށް މިހާރު ޓޫރިސްޓުން އަންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ތަން ފެނިވަޑައިގަންނަވާ ކަމަށާއި މިއީ މީގެ ތިން މަސްކުރިން ހީކުރި މަންޒަރެއް ނޫން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ން މިއަދު ބުނެފި އެވެ.

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ތަމްސީލްކުރާ އެންމެ ބޮޑު ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު "ހުރިހާ"އަށް މިއަދު ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގެ ބޯޑަރު ޖުލައި 15ގައި ހުޅުވާލުމަކީ ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ.

"މިހާރު މިފެންނަނީ އޭރު ހުޅުވާލުމުގެ ނަތީޖާ. އެރައިވަލްސް އިންތިހާއަށް އިތުރުވަމުން މިއަންނަނީ. މިއީ ވަރަށް މަދު ގައުމަކަށް ނޫނީ ނުލިބޭ ފުރުސަތެއް،" އޭނާ ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވީ މިހާރު ވެސް ޓޫރިސްޓުންނަށް ދުނިޔެއިން ހުޅުވާލާފައި އޮތީ ނިސްބަތުން ވަރަށް މަދު ގައުމެއް ކަމަށެވެ. އަދި ރާއްޖެ އަލުން ހުޅުވާލަން ފުރުސަތު ލިބުނީ ވަކިވަކި ރަށްތަކެއްގެ ގޮތުގައި އޮތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު އަވަށްޓެރި ބައެއް ގައުމުތަކުގެ ބޯޑަރު އޮތީ ބަންދުކޮށްފައި. އެއް ރިސޯޓު އެއް ރަށް ކޮންސެޕްޓަކީ މިރާއްޖެއަށް ލިބުނު ވަރަށް ބޮޑު އެޑްވާންޓޭކަށް ވެފައި މިވަނީ،" ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ކްރައުން ކޮމްޕެނީގެ އެއް ހިއްސާދާރު ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިއިރު، މިހާ ގިނަ އަދަދަކަށް ރާއްޖެއަށް ޓޫރިސްޓުން އަތުވާނެ ކަމަށް ހީފުޅު ނުކުރައްވާ ކަމަށެވެ.

"ހީނުކުރަން މިގޮތަށް ވެދާނެ ކަމަށް. އެކަމަކު މިހާރު ފެންނަނީ އެރައިވަލްސް ވެސް ވަރަށް ބޮޑުތަން އިތުރުވަމުން އަންނަ މަންޒަރު. މަޓީން ވެސް މިކަން ވަރަށް ކައިރިން ބަލަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވީ ރިސޯޓުތަކަށް ލިބޭ ބުކިން ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށެވެ. އަދި މިހާރު ރާއްޖޭގެ އެވްރެޖް އޮކިއުޕަންސީ 70 ޕަސެންޓަށް އަރާފައިވާ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ޑިސެމްބަރު މަހު ރިސޯޓު، ހޮޓާ، ގެސްޓްހައުސް އަދި ސާފާރީތަކުގެ އޮކިއުޕަންސީ 60- 70 ޕަސެންޓްގައި އުޅޭނެ. މިއާއެކު ގައުމަށް ލިބޭ އާމްދަނީ ވެސް ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރަނީ،" ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިވަގުތު ޚިދުމަތް ދެމުން އަންނަ ގިނަ ރިސޯޓުތަކަށް ފައިދާ ވެސް ވާން ފަށާނެ ކަމަށެވެ.

"އަންނަ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހާ ދެމެދު އޮކިއުޕަންސީ އަދިވެސް މައްޗަށް ދާނެ ކަމަށް ލަފާކުރެވޭ. އަދި މޭމަހުގެ ފަހުން ރިސޯޓުތަކުން އޮކިއުޕަންސީ ދަށްވެގެން ޝަކުވާކޮށްގެން ނުވާނެ. އެއަށް ވުރެ އޮކިއުޕަންސީ އިތުރުވާނެ ކަމަށް އުއްމީދުކުރަނީ،" ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއާލަައި ހަދާ ބުކިންގެ އިތުރަށް ފަހު ވަގުތު ހަދާ ބުކިންތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށެވެ.

"ލާސްޓް މިނެޓް ބުކިން ވަރަށް ގިނަ. މެއި މަހުގެ ފަހުން އަދިވެސް ރަނގަޅުވާނެ. ގެސްޓްހައުސްތަކާއި ސަފާރީތަކަށް އަންނަ ޓޫރިސްޓުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް އުއްމީދުކުރަނީ،" ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަ އަހަރު ފެންނަނީ ވަރަށް އުއްމީދީ އަހަރެއް ގޮތުގައި ކަމަށެވެ. އެއާއެކު ރިސޯޓުތަކަށް ލިބޭ އާމްދަނީ އާއި ދައުލަތަށް ލިބޭ އާމްދަނީ ވެސް އިތުރުވާނެ ކަމަށް ނަޒީރު ވިދާޅުވި އެވެ.

"ގިނަ ރިސޯޓުތަކެއް މިހާރު ވަނީ ހުޅުވާލާފައި. އެއާއެކު ދައުލަތަށް ވަންނަ އާމްދަނީ އިތުރުވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވީ ކޮވިޑާ ގުޅިގެން ބޮޑަށް ގެއްލުވާނީ ލޯނުތައް ނަގައި އަލަށް ރިސޯޓުތައް ހުލުވައިގެން އުޅޭ ކުންފުނިތަކަށް ކަމަށެވެ. އަދި އެ ފަރާތްތަކަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އަންނަ އަހަރު ވަރަށް ބޮޑަށް މަސައްކަތްކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް އެބަކުރަން ލޯނުތައް އަދިވެސް ފަސްކޮށްދޭން އެދެން. އެކަން ކޮށްދީގެން އަންނަ އަހަރު ވެސް ހިންދެމިލެވޭނީ،" ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ ޕްރޮމޯޓްކުރަން އެމްއެމްޕީއާރުސީން ވަރަށް ބޮޑަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެއާއެކު ރިސޯޓުތައް ހިންގާ ކުންފުނިތަކުން ވެސް ވަރަށް ބޮޑު ހޭދައެއް މާކެޓިން ކެމްޕޭންތަކަށް ކުރަމުން އަންނަ ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.

"މާކެޓިން ކެމްޕޭންތަކަށް ސަރުކާރަށް ވުރެ ގިނަ އަމިއްލަ ފަރާތްތަކުން ކުރާ ޚަރަދު ބޮޑުވާނެ މިހާރު ވެސް. ބައެއް ކުންފުނިތަކުން ތިންބައިކުޅަ އެއްބައި އާމްދަނީ އެބަ ހޭދަކުރޭ މާކެޓިންއަށް،" ނަޒީރު ވިދާޅުވި އެވެ.

ކޮވިޑްއާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައިމަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލި ފަހުން، މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ލައްކައަކަށް ވުރެ އިތުރުވިއިރު އެ އަމާޒް ވެސް ކުރިން ލަފާކުރި ދުވަހަށް ވުރެ ކުރިން ވަނީ ހާސިލްވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރު 525،000 ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށް މިހާރު އަންދާޒާކުރެވޭ ކަމަށެވެ. އަދި އަންނަ އަހަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ލަފާކުރެ އެވެ.