ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ތިންވަނަ އަދި ހަތަރުވަނަ ކުއާޓަރގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޖެކްޓްތައް ހޮވައިފި އެވެ.

ބީއެމްއެލްއިން ބުނީ ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން 10 ޕްރެޖެކްޓެއް ހޮވާފައިވާއިރު، މިއިން ކޮންމެ ޕްރޮޕޯސަލްއެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ ލިބޭ 10 ޕްރޮޖެކްޓް

  • ހއ. މާރަންދޫ ސްކޫލުގައި އައުޓްޑޯ ލައިބްރަރީއެއް ތަރައްގީކުރުން
  • ނ. ޅޮހީގައި ބީޗް ޕިކްނިކް ޕާކު ތަރައްގީކުރުން
  • ލ. މުންޑޫ ހާބަރު ސަރަހައްދުގައި މަޑުކޮށްލައިގެން ތިބޭނެ ސަރަހައްދެއް ގާއިމްކުރުން
  • ގއ. ކޮނޑޭގައި ޕިކްނިކް ސަރަހައްދެއް ތަރައްގީކުރުން
  • މ. މަޑުއްވަރީ ސްކޫލުގައި މަޑުކޮށްލައިގެން ތިބޭނެ ސަރަހައްދެއް ޤާއިމްކުރުން
  • ށ. ފޯކައިދޫ ސްކޫލު ކޮމްޕިއުޓަރ ލެބް ތަރައްގީކުރުން
  • ށ. މިލަންދޫ ސްކޫލުގެ އަލިމަސް ޕާކު ތަރައްގީކުރުން
  • ލ. ފޮނަދޫ ކްލާސްރޫމް ޑިޖިޓަލައިޒް ކުރުން
  • ބ. މާޅޮހުގައި މަގުބައްތި ހަރުކުރުން
  • ސ. ހިތަދޫ ކޮމިއުނިޓީ ގާޑަން

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 80 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފަ އެވެ.