ރާއްޖޭގައި އަންހެނުން އުފައްދާ މަހުގެ ބާވަތްތަކަށް އެކަށީގެންވާ އަގެއް ނުލިބުމާއި، ރަށްރަށުގައި ތިބެގެން ބުރަ މަސައްކަތުން މަހުގެ އެކި އުފެއްދުންތައް އުފައްދައި، އަންހެނުންނަށް އެ އުފެއްދުންތަކުން ލިބެންޖެހޭ ސީދާ ނަފާ ނުލިބުގެ މައްސަލަ އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަންގެ ރާއްޖޭގެ ގޮފިން ފާހަގަކޮށްފި އެވެ.

އައިޕީއެންއެލްއެފް މޯލްޑިވްސް އިން ބުނީ 2018 ގައި ކުރި ދިރާސާއެއްގައި ރަށްރަށުގައި ތިބެގެން އުފައްދާ ތަކެތި މާލެ ފޮނުވުމުގައި ދަތިތަކެއް ކުރިމަތިވުމުގެ އިތުރުން މާލެ ދަތުރުކުރާ ބޯޓުތައް މެދުވެރިވެގެން ފޮނުވާ ތަކެއްޗަށް ވާނުވާ ނޭނގުމާއި އެ ތަކެތިން ލިބުނު އަސްލު އަގު ނޭނގުމުގެ މައްސަލައަކީ މިތަކެތި އުފައްދާ އަންހެނުން ފާހަގަކޮށްފައިވާ ބައެއް މައްސަލަތައް ކަމަށެވެ.

"މިފަދަ މައްސަލަތަކާއި ހުރެ މަސްކައްކާ ހިއްކަމުން އަދި މަހުގެ އުފެއްދުންތަކުން އާމްދަނީ ހޯދަމުންދިޔަ ގިނަ އަންހެނުންނަށް ވަނީ އެމީހުންގެ ވިޔަފާރި ހުއްޓާލަން މަޖުބޫރުވެފައި. އާމްދަނީ ހޯދުމަށް މަދު ފުރުސަތުތަކެއް އޮންނަ ރާއްޖޭގެ ރަށްރަށުގައި ދިރިއުޅެމުންދާ އަންހެނުންނަށް ދިމާވާ މިފަދަ މައްސަލަތަކަކީ އެއާ ގުޅިގެން އެ މީހުންގެ ދިރިއުޅުމަށް ނުހަނު ދަތިތަކެއް ކުރިމަތިވާ މައްސަލަތަކެއް،" އެ ޖަމިއްޔާއިން ބުންޏެވެ.

ޔޫއެންޑީޕީގެ އޯޝަން އިނޮވޭޝަން ޗެލެންޖްގެ އެހީގައި އައިޕީއެންއެލްއެފް މޯލްޑިވްސް އިން ވަނީ ކަނޑުމަހުން ތަކެތި އުފައްދައިގެން ވިޔަފާރިކުރަން ބޭނުންވާ އަންހެނުންނަށް ދިމާވާ މިފަދަ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ފަށާފަ އެވެ.

އައިޕީއެންއެލްއެފް މޯލްޑިވްސްއިން އީ-ކޮމާރސް ޕްލެޓްފޯމް "ދުމަށި" އަށް މީހުން އަހުލުވެރި ކުރުމުގެ ގޮތުން ހިންގި ތަމްރީން ޕްރޮގްރާމްގެ ތެރެއިން. ފޮޓޯ: އައިޕީއެންއެލްއެފް

މިގޮތުން އައިޕީއެންއެލްއެފް މޯލްޑިވްސް އިން ހިންގާ "އަންހެނުން އުފައްދާ މަހުގެ ބާވަތްތަކުން ލިބޭ އިގްތިސާދީ ނަފާ އިތުރުކުރުމުގެ މަޝްރޫއު" މިހާރު ފަށާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ދެ އަހަރު ދުވަހުގެ މުއްދަތައް ހިންގާ މި މަޝްރޫއު ވަނީ ސެޕްޓެމްބަރު 19، 2022 ގައި ގއ. ގެމަނަފުށީގައި އިފްތިތާހުކޮށްފަ އެވެ.

އައިޕީއެންއެލްއެފް މޯލްޑިވްސް އިން ބުނީ މިމަޝްރޫއުގެ މަގުސަދަކީ މަހާއި މަހުގެ ބާވަތްތަކުން އުފައްދާ ތަކެއްޗަށް އެކަށޭނެ އަގެއް ހޯދާދިނުމަށް "ފިން-ޓެކް" ޓެކްނޮލޮޖީ ބޭނުންކޮށްގެން "ޕްލެޓްފޯމެއް" ނުވަތަ "އެޕްލިކޭޝަން" އެއް ގާއިމްކޮށް އޭގެ ޒަރިއްޔާއިން ވީހާ ވެސް ރަގަޅު އަގެއްގައި އެތަކެތި ވިއްކޭނެ ނިޒާމެއް ގާއިމްކޮށް އަދި އެ ޕްލެޓްފޯމްގައި ވީހާ ވެސް ގިނަ ފަރާތްތަށް ބައިވެރިކޮށް އަހުލުވެރި ކުރުވުމާއެކު މަސްވެރި އުފެއްދުންތަކުން ލިބޭ އިގްތިސާދީ ނަފާ އިތުރުކުރުވުން ކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ އެ އީ- ކޮމާސް ޕްލެޓްފޯމަށް ކިޔަނީ "ދުމަށި" އެވެ. އަދި މި ޕްލެޓްފޯމަށް މީހުން އަހުލުވެރިކުރުމުގެ ގޮތުން މިހާރު ވަނީ "ދުމަށި ޕްރޮގްރާމް" ގެ ނަމުގައި ޕްރޮގްރާމެއް ފަށާފަ އެވެ.

އެ ޕްރޮގްރާމްގައި ވިޔަފާރީގެ މައިގަޑު އަސާސްތަކާއި ކުދި ވިޔަފާރިތަކުގެ ފައިސާގެ މުއާމަލާތްތައް ހިންގޭ ގޮތްތަކާއި، އަދި މާކެޓިންނާއި ބްރޭންޑިން އަދި އުފައްދާ ބާވަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ މުހިއްމު ކަންތައްތަކާ ގުޅޭ ތަމްރީން ދިނުން ހިމެނޭ ކަމަށް އައިޕީއެންއެލްއެފް މޯލްޑިވްސް އިން ބުންޏެވެ. މިގޮތުން މިފަހަރުގެ ތަމްރީނުތައް ޚާއްސަކޮށްފައި ވަނީ ގއ. ގެމަނަފުށީގެ އަންހެނުންނަށެވެ.

"ދުމަށި ޕްރޮގްރާމް" ގެ ތެރެއިން ގާއިމްކުރެވޭ "އޮންލައިން ޕްލެޓްފޯމް" ލޯންޗްކުރުމާއެކު އެޕްލެޓްފޯމްގައި ރެޖިސްޓާކޮށްގެން ކޮންމެ ފަރާތަކަށް ވެސް މަހުގެ އުފެއްދުންތައް ގަނެ އަދި ވިއްކޭނެ އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިދިޔަ ނޮވެމްބަރު 16 ގައި ވަނީ މިކަމަށް ޝައުގުވެރިވާ ގެމަނަފުށީގެ ބޭފުޅުންނަށް ހުޅުވާލެވިފަ އެވެ.

ގެމަނަފުށީގެ ކައުންސިލްއާއި އަންހެން ބޭފުޅުންގެ ބޮޑު ތަރުޙީބަކާއި އެކު ކުރިއަށް ގެންދާ މިމަޝްރޫޢުގެ ތެރެއިން ހަދާ ދުމަށި ޕްލެޓްފޯމްގެ "ޕްރޮޓޯޓައިޕް" އެރަށުގެ އަންހެނުންނަށް މިދިޔަ ނޮވެމްބަރމަހު ވަނީ ދަށްކާލާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.