ދިރާގުން މުޅިން އައު ފައިބަ އަންލިމިޓެޑް ހޯމް އިންޓަނެޓް ޕެކޭޖަތަކެއް ތަޢާރަފްކޮށްފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިރާގުގެ މެނޭޖަރު ކޮންސިއުމާ ޕޯސްޓްޕެއިޑް އެފްބީބީ، ޖަނާ އިބްރާހިމް ވިދާޅުވީ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ޕްރޮޑަކްޓް ޕޯޓްފޯލިއޯ ފަރުމާކޮށް، އެ ފަރާތްތަކުގެ ޑިޖިޓަލް ތަޖުރިބާ މުއްސަނދި ކުރުމަށް އިތުރު ވެލިއު އޮޕްޝަންތައް ފޯރުކޮށްދިނުމަށް އަބަދުވެސް ދިރާގުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި ފައިބަ އަންލިމިޓެޑް ޕެކޭޖްތަކާއެކު ކަސްޓަމަރުންގެ އިތުރުވަމުންދާ ޑިޖިޓަލް ބޭނުންތަކަށް އެންމެ ހަލުވި ސްޕީޑްގައި އަންލިމިޓަޑް ހޯމް އިންޓަނެޓް ތަޖުރިބާކޮށްލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދިރާގު ފައިބަ އަންލިމިޓެޑްގެ ދެ ޕެކޭޖެއް މިއަދު ވަނީ ތައާރަފްކޮށްފަ އެވެ. އެއީ ފައިބަ 50 އެމް އަންލިމިޓެޑް ޕެކޭޖް، 1،490 ރުފިޔާއަށް އަދި ފައިބަ 100 އެމް އަންލިމިޓެޑް ޕެކޭޖް 2،800 ރުފިޔާ އަށެވެ. ފައިބަ 50 އެމް ޕެކޭޖަށް ސަބްސްކްރައިބްކޮށްފައިވާ ކަސްޓަމަރުން މިހާރު ވާނީ އެއްވެސް އިތުރު ޚަރަދަކާ ނުލައި ފައިބާ 50 އެމް އަންލިމިޓެޑް ޕެކޭޖަށް އަޕްގްރޭޑްކޮށްފައިވާ ކަމަށެވެ.

ދިރާގު ފައިބަ ބްރޯޑްބޭންޑް ޕެކޭޖްއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބަ ގުޅައިދިނުމުގެ އިތުރުން ފައިބަ އަށް ބޭނުންވާ ޚާއްސަ ރައުޓަ ނުވަތަ އޯއެންޓީ ވެސް ޑިސެންބަރު 2022 ގެ ނިޔަލަށް ހިލޭ ލިބޭނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ. އަދި އަލަށް ދިރާގު ފައިބަ އަންލިމިޓެޑްއަށް އެޕްލައިކުރަން ބޭނުންވާ ފަރާތްތަކަށް ދިރާގު މައިއެކައުންޓް ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު އެޕްލައިކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ދިރާގު ފައިބަ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 85 އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު، މީގެ ތެރޭގައި 102 ރަށެއް ހިމެނެ އެވެ.