އެއްގަމާއި ކަނޑުއުޅަނދުގެ އަހަރީ ފީ އަންނަ އަހަރުން ފެށިގެން އެ ވެހިކަލެއް ރަޖިސްޓްރީކޮށްފައިވާ ރަށެއްގެ ކައުންސިލަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ކައުންސިލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ އަހަރީ ފީ ބަލައިގަތުން ކައުންސިލުތަކަށް ބަދަލުކުރުމުގެ ގޮތުން މި މަހު 31 އިން ފެށިގެން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެ ފީ ބަލައިގަތުން ހުއްޓާލާނެ ކަމަށެވެ.

އަންނަ މަހުން ފެށިގެން ވެހިކަލްތަކުގެ އަހަރީ ފީ ބަލައިގަންނާނީ ޓްރާސްޕޯޓް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ސިސްޓަމް މެދުވެރިކޮށް، އެ ފީ ނިސްބަތްވާ ކައުންސިލަކުން ކަމަށް އެ ސާކިއުލާގައި ބުނެފައިވެ އެވެ. އަދި ސިސްޓަމް މެދުވެރިކޮށް ކައުންސިލްތަކުގެ އެކައުންޓަށް ފީ ޖަމާކުރެވޭނީ ކައުންސިލްތަކުގެ ބޭންކް އެކައުންޓުތައް ބަނޑޭރި ޕޭ އާ ގުޅުވާލުމުން ކަމަށްވެސް ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، އެ މުއްދަތުގެ ކުރިން އެއްވެސް ކައުންސިލެއްގެ ބޭންކް އެކައުންޓް، ބަނޑޭރި ޕޭއާ އިންޓަގްރޭޓްކޮށްފައި ނުވާ ނަމަ، އެ ކައުންސިލަކަށް ނިސްބަތްވާ ފީ ޖަމާވާނީ ޕަބްލިކް އެކައުންޓަކަށެވެ. އެހެންވެ، ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެކަން ކުރުމަށް ކައުންސިލުތަކަށް ފިނޭންސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި އަހަރުގެ ތެރޭގައި އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ ފީގެ ގޮތުގައި ޕަބްލިކް އެކައުންޓަށް ޖަމާވެފައިވާ އާމްދަނީ، އެ ފީއެއް ނިސްބަތްވާ ކައުންސިލްތަކަށް ޓްރާންސްފާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

އެއްގަމާއި ކަނޑުއުޅަނދުފަހަރުގެ އަހަރީ ފީ މިހާރު ދައްކަމުން އަންނަނީ މީރާގެ އޮންލައިން ޕޯޓަލް "ފަހި ޕޭ" މެދުވެރިކޮށެވެ. ސަރުކާރުން މި ގެނައި ބަދަލާ އެކު ވެހިކަލްތަކުގެ އަހަރީ ފީ ދެން ވާނީ ސީދާ ކައުންސިލުތަކަށް ލިބޭ އާމްދަނީއަކަށެވެ.