ފްރާންސްގެ ގައުމީ އެއާލައިން، އެއާ ފްރާންސުން ރާއްޖެއަށް ދަތުރުތައް އަލުން ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ (އެމްއޭސީއެލް) އިން މިއަދު ބުނީ އެއާ ފްރާންސުން އަންނަ ހޮރިހިރު ދުވަހުން ފެށިގެން ހަފްތާ އަކު ތިން ދުވަހު ރާއްޖެއަށް ދަތުރުތައް ބާއްވާނެ ކަމަށެވެ.

އެއާ ފްރާންސުން ރާއްޖެއަށް ދަތުރު ފެށުމާއެކު ރާއްޖެ އަށް މިވަގުތު ދަތުރުކުރާ އިންޓަނޭޝަނަލް އެއާލައިންތަކުގެ އަދަދު 21 އަށް އަރާނެ އެވެ. މި އަހަރުގެ ނިޔަލަށް އިތުރު ހަ އެއާލައިނަކުން ރާއްޖެ އަށް ދަތުރު ފަށަން ވަނީ ނިންމައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ފްރާންސުން 24،033 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. އެއީ ބޯޑަރު އަލުން ހުޅުވާލި ފަހުން އައި 3،109 ޓޫރިސްޓުންނާއެކު އެވެ.

ފިނި މޫސުމުގެ ޗުއްޓީ އާއި އާ އަހަރާ ދިމާކޮށް ގިނަ އެއާލައިންތަކުން ވަނީ ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުވެސް ކޮށްފަ އެވެ.

ޓޫރިސްޓުންގެ އަދަދު އިތުރުވެ، ރާއްޖެއަށް ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ 4،000 އަށް އިތުރުވެފަ އެވެ. އެއާއެކު މިއަދުގެ ނިޔަލަށް ޖުމްލަ 500،000 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.