ގައުމީ އެއާލައިން މޯލްޑިވިއަނުން ބައެއް ސަރަހައްދުތަކުގެ އެކްސެސް ބެގޭޖަށް ނަގާ ފީ ބޮޑުކޮށްފި އެވެ.

ގައުމީ އެއާލައިން އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން ބުނީ މި މިއަދުން ފެށިގެން ބައެއް އެއާޕޯޓްކުން ފުރާ މީހުންގެ ލަގެޖްތަކުން އިތުރުވާ ކޮންމެ ކިލޯއަކަށް 3.11 ޑޮލަރު ނަގަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މާވަރުލު އެއާޕޯޓާއި ކޫއްޑޫ އެއާޕޯޓްގެ އިތުރުން ކާޑެއްދޫ އެއާޕޯޓަށް ބާއްވާ ދަތުރުތަކުގައި އެ އަދަދަށް ފައިސާ ނަގާނެ ކަމަށް ބުންޏެވެ.

މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނީފާ ބައެއް މިޑިއާތަކުގައި ވިދާޅުވެފައިވަނީ އެކްސެސް ބެގޭޖް ފީ ބޮޑުކުރީ އެއާލައިންގެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށްޓަކައި ކަމަށެވެ. އެކްސެސް ބެގޭޖްފީ ބޮޑުނުކުރާތާ މިހާރު ވަރަށް ދުވަސް ވެފައިވާ ކަމަށާއި އަދި އެންމެ ދަތި ދުވަސްވަރުވެސް ބޮޑު ނުކުރާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޖެނީފާ އިތުރަށް ވިދާޅުވީ އެކްސެސް ބެގޭޖް ފީ ބޮޑުކުރީ މިހާރުގެ މާކެޓް އަގުތަކަށް ބެލުމަށް ފަހު ކަމަށާއި އަދި މިހާރު ވެސް މާކެޓް ރޭޓްތަކަށް ވުރެ ކުޑަވާނެ ކަމަށެވެ.

އެކްސެސް ބެގޭޖުގެ ކޮންމެ ކިލޯއަކަށް ނަގާނެ އަގުތައް:

  • ހަނިމާދޫ، ހޯރަފުށި، ކުޅުދުއްފުއްޓަށް 36 ރުފިޔާ
  • އިފުރު، މާފަރު، މަޑިވަރަށް 30 ރުފިޔާ
  • ފުނަދޫ 36 ރުފިޔާ
  • ދަރަވަންދޫ، ތިމަރަފުށި، 24 ރުފިޔާ
  • ކައްދޫއަށް 36 ރުފިޔާ
  • ކޫއްޑޫ، ކާޑެއްދޫ، މާވަރުލަށް 48 ރުފިޔާ
  • ފުވައްމުލަކަށް 57 ރުފިޔާ
  • ގަމަށް 60 ރުފިޔާ

މޯލްޑިވިއަނުން ދަތުރުކުރާ ފަރާތްތަކަށް ހިލޭ 20 ކިލޯ ގެންދެވޭނެ އެވެ.