ނ. މާފަރު އެއާޕޯޓްގެ ރަންވޭ ބޮޑުކޮށް އެ އެއާޕޯޓް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މާފަރު އެއާޕޯޓް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ސަނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

މިއީ އަބޫދާބީ ފަންޑުން ޖުމްލަ 27.2 މިލިއަން ޑޮލަރު (419.1 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އަދި 25 މިލިއަން ރުފިޔާ ހޭދަކުރަނީ ސަރުކާރުގެ ބަޖެޓުންނެވެ.

ޖުމުލަ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާ ޙަވާލުކުރި މިމަޝްރޫއުގެ ދަށުން މާފަރު އެއާޕޯޓުގެ ތަރައްގީގެ މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވެ އެވެ.

އެގޮތުން ބޮއިން 777 – އީއާރު 300، މަރުކާގެ މަތިންދާބޯޓު އޮޕަރޭޓުކުރެވޭ މިންވަރަށް އެއާޕޯޓު ބޮޑުކުރުން ހިމެނެ އެވެ. މީގެ އިތުރުން އެއާޕޯޓު ރަންވޭ އިތުރު 650 މީޓަރަށް ދިގުކުރުމަށާއި ސްޓްރިޕް ފުޅާކުރުމަށްޓަކައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުންވެސް މިމަޝްރުއުގެ ތެރޭގައި ހިމެނެ އެވެ. މީގެ އިތުރުން މިހާރު ބޭނުންކުރާ އެއާޕޯޓު ރަންވޭގެ ޕޭވްމަންޓް އަޕްގްރޭޑްކުރުމާއި ޓެކްސީވޭ ފުޅާކުރުމާއި އޭޖީއެލް، އަޕްގްރޭޑުކުރުންވެސް ހިމެނެ އެވެ.