ވެލާނާ އިންޓަނޭޝަނަށް އެއާޕޯޓް (ވީއައިއޭ) ގައި އަލަށް ތަރައްގީ ކުރަމުން އަންނަ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތް ނުހުއްޓި ކުރިއަށްދާ ކަމަށާއި މިހާރު 35 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަށް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީ ކުރަމުންދާ އާ ޕަސެންޖާ ވީއައިއޭގެ އައު ޓާމިނަލްގެ މަސައްކަތް ނުހުއްޓި ކުރިއަށްދާ ކަމަށާއި މިހާރު 35 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

"ޕަސެންޖަރު ޓާމިނަލުގެ މަސައްކަތް ހަމައެބަ ކުރިއަށްދޭ. ޕަސެންޖާ ޓަރމިނަލުގެ މަސައްކަތުގެ 35 ޕަސެންޓް މިވަނީ ނިމިފައި. ކުރިން ހަދާފައިވާ ޑިޒައިނުގައި ހުރި މައްސަލަތައް ހައްލުކޮށް ކޮންޓްރެކްޓަރާއެކީ އެކަމުގައި އެއްބަސްވުމަކަށް އާދެވި، އެ މަސައްކަތް ކުރިއަށްއެބަދޭ،" މިއުވާން ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

ވީއައިއޭގައި މިހާރު ބޭނުންކުރާ އިންޓަނޭޝަނަލް ޓާމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭވަރުގެ ޓާމިނަލެކެވެ. އެހެން ނަމަވެސް އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އަލަށް ތަރައްގީކުރާ ޓާމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ފެންވަރަށް ތަރައްގީކުރާ ޓާމިނަލެކެވެ.

މި ޓާމިނަލަކީ 78 ހާސް އަކަ މީޓަރުގެ ޖާގައިގެ ޓާމިނަލެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ ތެރެއިން އައު ޓާމިނަލްގެ މަސައްކަތް ސައުދީ އަރަބިއްޔާގެ، ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހު އެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް އެ ކުންފުނިން ފަށާފައި ވަނީ 2017 ވަނަ އަހަރުގެ މެދުތެރޭގަ އެވެ.