Advertisement

ސްރީ ލަންކަން އިން ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރުކޮށް ޔޫރަޕާ ގުޅުވާލަދެނީ

FacebookTwitterWhatsAppTelegramViber

ސްރީ ލަންކަން އެއާލައިންސް އިން ރާއްޖެ އަށް ކުރަމުން އަންނަ ދަތުރުތައް އިތުރުކޮށް، ރާއްޖެ އާއި ޔޫރަޕްގެ ބޮޑެތި ސިޓީތަކަކާ ގުޅުވާލަން ތައްޔާރުވެއްޖެ އެވެ.

މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ސްރީ ލަންކަން އެއާލައިންސްގެ އޮޕަރޭޝަންތައް އަލުން ރާއްޖެ އަށް ވަނީ ފަށާފަ އެވެ. އެގޮތުން، ރާއްޖެ އާއި ލަންކާއާ ދެމެދު ކޮންމެ ހަފްތާއެއްގެ އާދިއްތަ، ބުދަ އަދި ބުރާސްފަތި ދުވަހު އެ އެއާލައިން އިން ދަތުރުކުރެ އެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ސްރީ ލަންކަން އިން މިދިޔަ ހޮނިހިރު ދުވަހު ކުރި ޓުވީޓެއްގައި ބުނީ، އަންނަ މަހުން ފެށިގެން މާލެ އާއި ކޮލަމްބޯއާ ދެމެދު ދުވާލަކު ފްލައިޓެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި ކޮލަމްބޯ މަގުން، ރާއްޖެ އާއި ލަންޑަން، ޕެރިސް، މިލާން އަދި ފްރެންކްފާޓް އަށް ކަނެކްޓިން ފްލައިޓް ބޭއްވުމަށް ވެސް ނިންމާފައިވާ ކަމަށް އެ އެއާލައިން އިން ބުންޏެވެ.

މިދިޔަ މާޗު މަހުގެ ފަހުކޮޅު ދަތުރުތައް ހުއްޓާލުމުގެ ކުރިން، ސްރީ ލަންކަން އިން ކޮލަމްބޯ އާއި ރާއްޖެއާ ދެމެދު ދުވާލަކު ހަތަރު ފްލައިޓް އޮޕަރޭޓް ކުރި އެވެ. އަދި ކޮލަމްބޯ އާއި ގަމާ ދެމެދު ހަފްތާ އަކު ހަ ފްލައިޓް ބާއްވާފައިވެ އެވެ.

ސްރީ ލަންކަން އަކީ ރާއްޖެ އަށް އެންމެ ގިނަ އަދަދެއްގެ ފަސިންޖަރުން އުފުލާ އެއް އެއާލައިން އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އަށް 2018 ވަނަ އަހަރު އެންމެ ގިނައިން ކާގޯ އުފުލި އެއާލައިނަކީ ވެސް ސްރީ ލަންކަން އެވެ.

ގާތްގަނޑަކަށް ހަތަރު މަހަށް ފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައިވާއިރު، ފަސް އެއާލައިނަކުން ވަނީ ރާއްޖެ އަށް ދަތުރުތައް ފަށާފަ އެވެ. އެއީ، ގަތަރު އެއާވޭސް، އެމިރޭޓްސް، އިއްތިހާދު އެއާވޭސް، ސްރީ ލަންކަން އެއާލައިންސް އަދި ޓާކިޝް އެއާލައިންސް އެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައިވާއިރު، ކޮންމެ ގައުމެއްގެ ފަތުރުވެރިއަކަށް ވެސް ކުރިއެކޭ އެއްގޮތަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ އެވެ. އަދި ބައްޔަށް ޝައްކު ނުވާ ނަމަ ކޮވިޑް-19 އަށް ޓެސްޓެއް ވެސް ނުކުރާނެ އެވެ. އެހެން ނަމަވެސް، ބައެއް ރެންޑަމް ސާމްޕަލް ނަގާނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް 27 ގަ އެވެ. އޭރު ރާއްޖޭގެ 150 އަށް ވުރެ ގިނަ ރިސޯޓް ދިޔައީ ހިންގަމުންނެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވިއިރު ގާތްގަނޑަކަށް 50 ރިސޯޓެއް އަލުން ހިންގަން ފަށާފައިވެ އެވެ. އަދި ކުރިއަށް އޮތް ދެ މަހު ވެސް ގިނަ އަދަދެއްގެ ރިސޯޓްތަކެއް އަލުން ހުޅުވާނެ އެވެ.

ސަރުކާރުން މިހާރު އަންދާޒާ ކުރަނީ ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ފަސް ލައްކަ ފަތުރުވެރިން އަންނާނެ ކަމަށެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top