ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން "އާބަން ޝެކް" އަދި "އާބަން ކިއޮސްކް" ވިޔަފާރި އުސޫލުން ހެދިކާއާއި ލުއިކާނާ އަދި ބުއިންތައް ވިއްކުމަށް ކުއްޔަށް ދޭން ހުޅުވާލައިފި އެވެ.

އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށްގެން ހެދިކާ ވިއްކުމުގެ ބޭނުމަށް ފަރުމާކުރެވިފައިވާ ހަތަރު "އާބަން ޝެކް" ކުއްޔަށް ދޫކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ހުޅުމާލެގެ ނެއިބާހުޑް 6 އިން ލުއިކާނާ އަދި ބުއިންތައް ވިޔަފާރި އުސޫލުން ވިއްކުމަށް އާބަން ކިއޮސްކް ކުއްޔަށް ދޫކުރުމަށް ވެސް ވަނީ ހުޅުވާލާފައި ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ބުނީ މި "އާބަން ޝެކް"ތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ރައްވެހިންނާއި، ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކަށެވެ. އާބަން ޝެކް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ އަހަރު ދުވަހަށް ކަމަށް ވެސް އެޗްޑީސީއިން ބުނެ އެވެ.

އެޗްޑީސީން ބުނީ މި ތަނަށް މަހު ކުލީގެ ގޮތުގައި 1500 ރުފިޔާ އަދި ލީސް ޑިޕޮސިޓްގެ ގޮތުގައި 1500 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ. އާބަން ޝެކް ކުއްޔަށް ލިބޭނެ ފަރާތްތައް ހޮވިގެންދާނީ ކުއްޔަށް ނެގުމަށް އެދި ފޯމު ހުށަހަޅާފައިވާ ގްރޫޕްތަކުގެ މެދުގައި ނެގޭ ގުރުއަތުލުމަކުންކަން އެޗްޑީސީން ހާމަ ކޮށްފައިވެ އެވެ. މިގޮތުން، އާބަން ޝެކް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ހަތް ދުވަސް ތެރޭގައި ހިދުމަތްދޭން ފަށަން ޖެހެ އެވެ. އަދި މި މުއްދަތު ތެރޭގައި ހިދުމަތްދޭން ނުފަށައިފިނަމަ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން އެއްވެސް ބަދަލަކާ ނުލައި ބާތިލުކުރެވޭނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ ހުޅުމާލެގެ ނެއިބާހުޑް 6 ކުން ލުއިކާނާ އަދި ބުއިންތައް ވިޔަފާރި އުސޫލުން ވިއްކުމަށް އާބަން ކިއޮސްކް ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވަނީ، ހުޅުމާލެގައި ދިރިއުޅޭ ފަރުދުންނާއި އަދި އެންމެ ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ތައްޔާރީ ކާބޯތަކެތީގެ ވިޔަފާރިއަށް ފަރުމާކުރެވިގެންނެވެ. މިގޮތުން ހުޅުވުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 އާބަން ކިއޮސްކެކެވެ.

މި ކިއޮސްކްތަކުގައި ފެން އަދި ކަރަންޓުގެ ހިދުމަތް ބޭނުންކުރެވޭނެ މަގު އެޗްޑީސީން ވަނީ ފަހި ކޮށްދީފަ އެވެ. މިގޮތުން ކިއޮސްކް ހިންގާ ފަރާތްތަކުން ބޭނުންވެއްޖެ ހިނދެއްގައި ކަރަންޓާއި ފެން ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވި ނަމަވެސް، މި ހިދުމަތްތައް ގުޅުމާއި ހިދުމަތުގެ އަގު ކުއްޔަށް ހިފާ ފަރާތުން އަދާކުރަންޖެހޭނެކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.

އެޗްޑީސީން ބުނި ގޮތުގައި، މި ކިއޮސްކްތަކުގައި ތައްޔާރީ ކާތަކެތި، ލުއިކާނާ، ލުއިބުއިން އަދި ޓޭކްއަވޭ ހިދުމަތް ލިބޭނެ އެވެ. އަރބަން ކިއޮސްކް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ ދެ އަހަރު ދުވަހަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވުމާއެކު މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ބޭނުންވާ އެންމެހާ ކަންކަން ފޯރުކޮށްދިނުމުގައި އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަމުން ދާނެކަމުގައި އެކުންފުނިން ބުނެފައިވެ އެވެ.