ދިވެހިރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ކުރިޔަށް ގެންދާ "މަސްވެރިކަމުގެ އެކްސްޕޯ 2022" ގދ. ފަރެސްމާތޮޑާގައި ބާއްވައިފި އެވެ.

މި އެކްސްޕޯ ބާއްވާފައިވަނީ ޑިސެންބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެން މިއަދު ހަވީރު 6:00 ގެ ނިޔަލަށް ފަރެސްމާތޮޑާ ބަނދަރު ސަރަހައްދުގަ އެވެ.

މިއަދު މެންދުރުފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ މި އެކްސްޕޯއަށް ޒިޔާރަތްކުރައްވައި، ސްޓޯލްތައް ބައްލަވާލައްވައި، މަސްވެރިކަމުގެ ދާއިރާގެ އައު އުފެއްދުންތަކާއި ގުޅޭ މަޢުލޫމާތު ހޯއްދަވާފަ އެވެ. މަސްވެރިންގެ ދުވަހާ ގުޅިގެން ކުރިޔަށް ގެންދާ މި އެކްސްޕޯގައި، މިފްކޯ އާއި ހޮރައިޒަން ފިޝަރީޒުން ވަނީ އައު އުފެއްދުންތަކެއް ބާޒާރަށް ނެރެފަ އެވެ.

ފިޝަރީޒް މިނިސްޓްރީން އިންތިޒާމްކޮށްގެން ބޭއްވި މި އެކްސްޕޯގައި ޖުމްލަ 8 ސްޓޯލް ހުރި އިރު، އެކްސްޕޯގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރޭގައި، އެމްޓީސީސީ، މިފްކޯ، ހޮރައިޒަން ފިޝަރީޒް، އެންސިސް، ސީގަލް ގުރޫޕް، ޕްރެޝާޓެކް މޯލްޑިވްސް، ބިގްފިޝް މޯލްޑިވްސް، އުރީދޫ މޯލްޑިވްސް، ނޫރާއްޖެ އަދި ފަރެސްމާތޮޑާ ކައުންސިލް ހިމެނެ އެވެ.

މި އެކްސްޕޯއަށް ޒިޔާރަތްކުރެއްވުމަށްފަހު، ރައީސް ވަނީ މަސްވެރިންގެ ދުވަހާއި ގުޅިގެން ފަރެސްމާތޮޑާގައި ދެޖިންސުގެ ބޭފުޅުންނަށް ހުޅުވާލައިގެން ބޭއްވި، މަސްކެނޑުމުގެ މުބާރާތް ޝަރަފްވެރިކޮށްދެއްވާފަ އެވެ. މަސްވެރިންގެ ދުވަހާއި ގުޅިގެން ބޭއްވި މަސްކެނޑުމުގެ މުބާރާތުގައި 08 އަންހެން ބޭފުޅުންނާއި 04 ފިރިހެން ބޭފުޅުން ބައިވެރިވެފައިވެ އެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ގދ. ފަރެސްމާތޮޑާގައި ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މަސްވެރިންގެ ދުވަހާއި ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ އޮންނާނީ މިރޭ، ގދ. ފަރެސްމާތޮޑާގެ ބަނދަރު ސަރަޙައްދުގަ އެވެ.