މިފްކޯއިން އާ ދެ އުފެއްދުމެއް ބާޒާރަށް ނެރެފި އެވެ.

މިފްކޯއިން އަލަށް ބާޒާރަށް ނެރެފައިވަނީ މިހާރު ވެސް ދިވެހިންގެ އިތުބާރު ހޯދާފައިވާ ފަސްމީރު ބްރޭންޑްގެ މަސްދަޅުގެ މުޅިން އައު ދެ ވައްތަރެކެވެ. އެއީ ލޮނުމެދު މަސްދަޅާއި ވަޅޯމަސް މަސްދަޅެވެ.

މި އުފެއްދުންތައް ބާޒާރަށް ނެރެފައި ވަނީ މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ގދ. ފަރެސް މާތޮޑާގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ލޮނުމެދު މަސްދަޅަކީ ގިތެޔޮ މިރުސް މަސްދަޅާއި ހިކިމިރުސް މަސްދަޅެކޭ އެއްގޮތައް މަސްދަޅުގައި ލޮނުމެދު ހިމަނައިގެން އުފައްދާފައިވާ ރަހަމީރު އުފެއްދުމެއް ކަމަށް މިފްކޯއިން ބުންޏެވެ.

މިފްކޯއިން ބުނީ ބަތާއި އެއްކޮށް ކެއުމަށް އަދި ފާސްތާއާއި ނޫޑްލްސް ފަދަ ތަކެތި ވެސް ތައްޔާރުކުރުމަށް ވެސް ލޮނުމެދު މަސްދަޅު ބޭނުން ކުރެވޭނެ ކަމަށެވެ.

މިފްކޯއިން ބާޒާރަށް ނެރުނު ދެ ވަނަ އުފެއްދުން ކަމުގައިވާ ވަޅޯމަސް މަސްދަޅަކީ ގިނަ ދުވަހު ހަލާކުނުވެ ހުންނަ، ވަގުތުން ބޭނުންކޮށްލެވޭ މަސްދަޅެއް ކަމަށް މިފްކޯއިން ބުނެ އެވެ. މި މަސްދަޅު އުފައްދާފައި ވަނީ ސިއްހަތައް ރަނގަޅު އުފެއްދުންތަކުގެ ތެރޭގައި ހިމަނައި ޒައިތޫނި ތެލުގައި ބަންދުކޮށްގެންނެވެ.

މިފްކޯއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ދިވެހިން ބާނާ މަހުގެ އުފެއްދުންތައް ދިވެހިވަންތަ ގޮތެއްގައި ބާޒާރަށް ތައާރަފު ކުރުން ކަމަށެވެ. މިގޮތުން އަލަށް މި ތައާރަފްކުރި ދެ މަސްދަޅަކީ ވެސް ދުނިޔެ ގަބޫލުކުރާ މިންގަނޑުގެ ފެލިވަރު ކޭނަރީގައި އުފައްދައި ރަނގަޅު އަގެއްގައި ދިވެހިންނަށް ގެނެސްދޭ ޕްރިމިއަމް ދެ އުފެއްދުމެވެ.