ދިރާގު ހައިސްޕީޑް ފައިބަ އިންޓަނެޓްގެ ޚިދުމަތް ރަސްމީކޮށް ގއ. ކޮލަމާފުށީގައި އިފްތިތާހްކޮށްފި އެވެ.

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން މި ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައި ވަނީ ކޮލަމާފުށީގެ ރައްޔިތުންނަށް ޚާއްސަ އޮފާތަކާ އެކު ކަމަށް ދިރާގުން ބުނެ އެވެ. އެގޮތުން، ދިރާގު ފައިބަ ބްރޯޑްބޭންޑް ޕެކޭޖްއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބަ ގުޅައިދިނުމުގެ އިތުރުން ފައިބައަށް ބޭނުންވާ ޚާއްސަ ރައުޓަރު ނުވަތަ އޯއެންޓީ ވެސް ހިލޭ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ބުނިގޮތުގައި މިއީ އެންމެ ހަލުވި ސްޕީޑް އާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ޚިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.

ދިރާގު ފައިބަ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދޭ އެންމެ ބޮޑު ފައިބަ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 85 އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 103 ރަށެއް ހިމެނެ އެވެ.

ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމެވެ. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ދިރާގުން ކުރިއަށް ގެންދާނެ އެވެ.