ފީފާ ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލް މެޗުގައި ފްރާންސް އާއި މޮރޮކޯ ބައްދަލުކުރި މެޗު ގަތަރުގައި ލައިވްކޮށް ބަލާލުމަށް އުރީދޫ ފުޓްބޯލް ފޯރީ ލަކީ ޑްރޯގެ ހަތަރު ނަސީބުވެރިންނަށް އުރީދޫ އިން ޓިކެޓް ރަސްމީކޮށް މިއަދު ހަވާލުކޮށްފި އެވެ.

މި ހާއްސަ ލަކީޑްރޯއަކީ ސުޕަނެޓް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި ޕްރީޕެއިޑް ރީޗާޖް ކުރި ކަސްޓަމަރުންނާއި އުރީދޫ ބިލަށް ފައިސާ ދެއްކުމާއި މޫލީ މެދުވެރިކޮށް ޝޮޕިން ކުރާ ކަސްޓަމަރުން ނުވަތަ އެމް-ފައިސާގެ ހިދުމަތުގެ މުއާމަލާތްކުރާ ކަސްޓަމަރުން ހިމެނޭ ގޮތަށް މި އަހަރުގެ އޮގަސްޓް މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު 31 ގެ ނިޔަލަށް އުރީދޫ މޯލްޑިވްސްއިން ހުޅުވާލައިގެން ކުރިއަށްގެންދިޔަ ލަކީޑްރޯއެކެވެ.

އުރީދޫ ފުޓްބޯލް ފޯރި ލަކީ ޑްރޯ ގެ ނަސީބުވެރިން އެންމެ ފުރަތަމަ ހޮވާފައިވަނީ 7 ނޮވެމްބަރު ގައި ރާއްޖެ ޓީވީއިން ރޯޑް ޓު ވޯލްޑްކަޕް ޝޯގައި ލައިވްކޮށެވެ.

ފުރަތަމަ ހޮވުނު ނަސީބުވެރިންގެ ތެރެއިން ބައެއްފަރާތްތަކަށް ދަތުރު ނުކުރެވޭތީ މިއަދު ރެޑްރޯ އެއް ނަގާފައިވާ ކަމަށް ވެސް އުރީދޫ މޯލްޑިވްސްއިން ބުނެ އެވެ.

ގަތަރަށް ދަތުރުކުރާ ނަސީބުވެރިންނަކީ ޕްރީޕެއިޑް ކަސްޓަމަރުން ކަމަށްވާ މުހައްމަދު އަބްދުލް ސައްތަރު، އަހުމަދު މައުރޫފް، އަހުމަދު ޝިހާމް އަދި ޕޯސްޓްޕެއިޑް ކަސްޓަމާ ހާފިޒް ސައީދެވެ. ނަސީބުވެރިންނަށް ގަތަރަށް ރިޓާން ޓިކެޓާއި އެކޮމޮޑޭޝަންގެ އިތުރުން ފްރާންސާއި މޮރޮކޯ ބައްދަލުކުރާ ސެމީ ފައިނަލް މެޗު ބެލުމަ ސްޓޭޑިއަމްގެ ޓިކެޓް ލިބެ އެވެ. މި ހަތަރު ނަސީބުވެރި ފަރާތުން ގަތަރުގައި 4 ދުވަހާއި 3 ރޭ ތިބޭއިރު ފީފާ ވޯލްޑް ކަޕް 2022 ގެ ހަރަކާތްތަކުގެ އިތުރުން ދޯހާ ސިޓީގެ ރީތިކަމާއި ސަގާފަތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫން ބުނިގޮތުގައި ލަކީޑްރޯއަކީ އުރީދޫ ފުޓްބޯލް ފޯރީ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް އުފާވެރި އަދި ކުލަގަދަ ވޯލްޑް ކަޕް ގެ ތަޖުރިބާ އެއް ހޯދައިދިނުމުގެ މަގްސަދުގައި ފެށި ގިނަ ހަރަކާތްތަކާއި ހާއްސަ އޮފާތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ.

މި ލަކީޑްރޯގެ އިތުރުން އުރީދޫ މޯލްޑިވްސް އިން ވަނީ އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރު ހަބޭސް ބޮޑުބެރުއާ އެކު ހާއްސަ ލަވައެއް ތައާރަފްކޮށްފަ އެވެ. މީގެ އިތުރުން އުރީދޫން ވަނީ އާޓިފިޝަލް ބީޗްގައި ކުޑަކުދިންނަށް ހާއްސަ ފުޓުބޯޅައިގެ ހަވީރެއްވެސް ބާއްވާފައެވެ. ފީފާ ވޯލްޑް ކަޕް ގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، މެޗުތަކުގެ އުފާ ގިނަ ބަޔަކަށް ހޯދައިދިނުމުގެ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އުރީދޫ ފަންޒޯންތައް ވެސް ވަނީ ގާއިމުކޮށްފަ އެވެ.

މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކުރުމަށް އުރީދޫ މޯލްޑިވްސްގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަޖުރިބާ ހޯދުމަށާއި ތަޖުރިބާ އިތުރުކުރުމަށް ކަމަށެވެ. އުރީދޫ މޯލްޑިވްސް އިން ވަނީ ހަތަރު ނަސީބުވެރިންނަށް ގަތަރުގައި އުފާވެރި އަދި ހަނދާން ނައްތާނުލެވޭ ފަދަ ތަޖުރިބާއަކަށް އެދިފަ އެވެ.