Advertisement

ބޯޑަރު އަލުން ހުޅުވުމުން ރާއްޖެ އައި ފްލައިޓަކުން ޓޫރިސްޓުންތަކެއް ފައިބަނީ.. ފޮޓޯ: އަވަސް

ބޯޑަރު ހުޅުވުމާއެކު 61 ރިސޯޓެއް އަލުން ހުޅުވައިފި

FacebookTwitterWhatsAppTelegramViber

ކޮވިޑް-19 އާއެކު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލުމުން މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ 61 ރިސޯޓެއް އަލުން ހުޅުވައި ޙިދުމަތް ދޭން ފަށައިފި އެވެ.

މިދިޔަ މާޗް 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއެކު ގިނަ ރިސޯޓުތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް މިދިޔަމަހުގެ 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލައި، ބައެއް ރިސޯޓްތައް ވެސް އަންނަނީ ޓޫރިސްޓުންނަށް ހުޅުވާލަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި 166 ރިސޯޓެއް ހިންގާއިރު، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ދުވަހު ވެސް 32 ރިސޯޓެއް ވަނީ އަލުން ހުޅުވާފަ އެެވެ.

ގިނަ ރިސޯޓްތައް ހުޅުވި ނަމަވެސް ގެސްޓުހައުސްތަކާއި ހޮޓެލްތައް ހުޅުވުމަށް ހުއްދަ ދޭނެ ވަކި ތާރީޙެއް ސަރުކާރުން އިއުލާންކޮށްފައެއް ނުވެ އެވެ. ނަމަވެސް ޓްރާންސިޓް ހޮޓެލްގެ ގޮތުގައި ޓޫރިސްޓުންނަށް ހިދުމަތްދޭން ހަތަރު ތަނަކަށް ވަނީ ހުއްދަ ދީފަ އެވެ. އެގޮތުން ބ. އަތޮޅުގައި ހިންގާ އަމިއްލަފުށި ރިސޯޓާއި، މާލެ އަތޮޅުން މާގިރި ހޮޓެލް އަދި ހުޅުލޭ އައިލެންޑު ހޮޓެލް އަދި ގއ. އަތޮޅުގައި ހިންގާ މާކިއޯ މޯލްޑިވްސް ކޫޑޫ ރިސޯޓަށް ވަނީ ހުއްދަ ދީފަ އެވެ.

ޓޫރިސްޓުންނަށް ޚިދުމަތް ދިނުމުގެ ފުރުސަތު ސަފާރީތަކަށް ވެސް ހުޅުވާލާފައިވާއިރު، ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް މިހާތަނަށް 22 ސަފާރީއަކަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހުއްދަ ދީފަ އެވެ.

ސަރުކާރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން 850،000 ޓޫރިސްޓުން ރާއްޖެ ގެނައުމެވެ. އެކު ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން ވަކި ވަކި މާކެޓްތަކަށް އަމާޒުކޮށްގެން ވެސް ޚާއްސަ ހަރަކާތްތައް އަންނަނީ ބާއްވަމުންނެވެ.

ކޮވިޑް-19އާއި ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ލޮކްޑައުންގެ ފިޔަވަޅުތަކާއެކު ރާއްޖޭގެ ބޯޑަރުތައް ސަރުކާރުން ބަންދުކޮށްފައި ވަނީ މިދިޔަ މާޗުމަހުގެ 27 ވަނަ ދުވަހުއެވެ. އޭގެފަހުން ވީއައިއޭއަށް އޮޕަރޭޓްކޮށްފައި ވަނީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުދާ ހިފައިގެން އަންނަ ކާގޯ ފްލައިޓްތަކާއި، ރާއްޖޭން ބޭރުގައި ތިބި ދިވެހިން ގެނައުމަށާއި ރާއްޖޭގައި ތިބި ބިދޭސީން އެނބުރި ޤައުމަށް ދިއުމަށް އޮޕަރޭޓްކުރި ފްލައިޓްތަކެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top