ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)ގެ "ސްމާޓް ސިޓީ ޕްރޮޖެކްޓް"ގައި ބައިވެރިވެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވާވޭ ލަންކާ ޕްރައިވެޓް ލިމިޓެޑުން އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން ސްމާޓް ސިޓީ ސޮލިއުޝަންތައް ޑިޒައިންކޮށް، ތަންފީޒު ކުރުމަށް ޗައިނާގެ މަޝްހޫރު ޓެލެކޮމް ކުންފުނި ވާވޭގެ ފަންނީ ތަޖުރިބާއާއެކު އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ވާވޭއާއެކު ވެވުނު މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފެވެ. އަދި ވާވޭ ލަންކާގެ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ސީއީއޯ ޓާއޯ ގުއާންޖޭއޯ އެވެ.

ވާވޭއާއެކު މިވެވުނު ކޮލަބްރޭޓިވް ޕާޓްނާޝިޕްގެ ސަބަބުން އެޗްޑީސީގެ ސްމާޓް ސިޓީ އިނީޝިއޭޓިވްއަށް ތަފާތު ފައިދާތަކެއް ލިބިގެންދާނެކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އަދި ހުޅުމާލެއަކީ ރާއްޖޭގެ ފުރަތަމަ ސްމާޓް ސިޓީއަށް ބަދަލުކުރުމަށް ބޭނުންވާ ތަޖުރިބާ އާއި ޑިޖިޓަލް ސޮލިއުޝަންތައް ހޯދުމުގެ މަގު މިކަމުގެ ސަބަބުން ފަހިވެގެންދާނެ ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) އިންފްރާސްޓްރަކްޗާ އާއި ސޮލިއުޝަންތައް ރާއްޖެއަށް ފޯރުކޮށްދިނުމުގެ 12 އަހަރުގެ ތަޖުރިބާ ވާވޭއަށް ލިބިފައިވެ އެވެ.

ސްމާޓް އަދި ގުޅިފައިވާ މުޖުތަމައުތައް ބިނާކުރުމުގެ އުއްމީދީ ވިސްނުމަކާއެކު އެޗްޑީސީން އަންނަނީ ސްމާޓްކޮމްގެ ނަމުގައި ހާއްސަ ބްރޭންޑެއްގެ ދަށުން ހުޅުމާލެއަކީ ޑިޖިޓަލްކޮށް ކުރިއަރަމުން އަންނަ ސްމާޓް ސިޓީއަކަށް ހެދުމަށް މަގު ފަހިކޮށްދެމުންނެވެ.

ހުޅުމާލެ އަކީ ރާއްޖޭގެ ފުރަތަމަ ސްމާޓް ސިޓީ އަށް ބަދަލުކުރުމަށް ބޭނުންވާ ތަޖުރިބާ އާއި ޑިޖިޓަލް ސޮލިއުޝަންތައް ހޯދުމުގެ މަގު އެއްބަސްވުމުގެ ސަބަބުން ފަހިވެގެންދާނެ އެވެ.