މަންޓާ އެއާގެ ސީޕްލޭންގެ ހިދުމަތްތައް އިތުރަށް ފުޅާ ކުރުމަށް 12 ސީޕްލޭން ހޯދުމަށް އިއުލާނުކޮށްފި އެވެ.

މަންޓާ އެއާއިން ވަނީ އެއާލައިނަށް 12 ސީޕްލޭން ވިއްކާނެ ނުވަތަ ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފަ އެވެ.

މަންޓާ އެއާއަށް ހޯދަނީ ޑީއެޗްސީ6 ޓްވިން އޮޓާ މަރުކާގެ 12 ބޯޓެވެ.

ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:00އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

މަންޓާ އިން ސީޕްލޭން ދަތުރުތައް ފެށީ 2019 ވަނަ އަހަރު އެވެ. އެ އެއާލައިނުގެ ސީޕްލޭން ފްލީޓުގައި 16 ބޯޓު މިހާރު އޮންނައިރު، 30 ރިސޯޓަކަށް ފަތުރުވެރިން އުފުލަ އެވެ.

މަންޓާ އެއާގެ ސީޕްލޭން ހިދުމަތުގެ އެންމެ ތަފާތު ކަމަކީ ކުރިން އާންމުކޮށްފައިވާ ޝެޑިއުލަކާ އެއްގޮތަކަށް ދަތުރުތައް ކުރުމެވެ.

މަންޓާ އެއާއިން އަންނަނީ ސީޕްލޭންގެ ހިދުމަތުގެ އިތުރުން ރާއްޖޭގެ ތިން އެއާޕޯޓަކަށް ދަތުރު ވެސް ކުރަމުންނެވެ.