ރާއްޖެއަށް އެތެރެކުރާ އެލްމިނިއަމް ފަތިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކޮށްފައިވާ ބުނެ ދައްކާ ވާހަަކަތައް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދޮގުކޮށްފި އެވެ.

ކަސްޓަމްސްއިން މިހެން ބުނީ ރާއްޖެ އެތެރެކުރާ އެލްމިނިއަމް ފަތިން ނަގާ ޑިއުޓީ ބޮޑުކޮށްފައިވާ ކަމަށް "ސެލްބީ އިންވެސްޓްމަންޓް" ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވާތީ އެކަމަށް ރައްދު ދެއްވާ ނެރުނު ބަޔާނެއްގަ އެވެ.

ސެލްބީ އިންވެސްޓްމަންޓް އިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އެލްމިނިއަމް ފަތިން ނަގަމުން އައި އިމްޕޯޓް ޑިއުޓީ ސުމަކުން ދިހަ އިންސައްތަ ބޮޑު ކޮށްފައިވާ ކަމަށެވެ. މިއާއެކު އެތަނުން ވިއްކާ ފަތީގެ އަގު ބޮޑުވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ސެލްބީ އިންވެސްޓްމަންޓް ކޮށްފައިވާ އިއުލާނު

ސެލްބީ އިންވެސްޓްމަންޓް ކޮށްފައިވާ ޕޯސްޓަކީ ހަގީގަތާއި ހިލާފު ވާހަކައެއްކަން ފާހަގަކޮށް ކަސްޓަމްސްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސެލްބީ އިންވެސްޓްމެންޓްއިން އެތެރެކުރުމަށް ރާއްޖެއަށް ގެނެސްފައިވާ ޝިޕްމެންޓަށް ހުށަހަޅާފައިވާ ގުޑްސް ޑިކްލަރޭޝަންގައި އެލުމިނިއަމް ފަތި ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި އެ ޝިޕްމެންޓްގައި ހުރީ އެލުމިނިއަމް ދޮރާއި އަދި ވިންޑޯ ފްރޭމް ކަމަށެވެ. އަދި ޝިޕްމެންޓްގައި ހިމެނެނީ ފަތިތޯ ނުވަތަ ފްރޭމްތޯ ޔަގީންކޮށް އެޗްއެސް ކޯޑު އިސްލާހްކުރުމަށް އެފަރާތަށް އެންގި ކަމަށް ކަސްޓަމްސްގެ ބަޔާނުގައިވެ އެވެ.

ނަމަވެސް ކޯޑު އިސްލާހްކޮށްފައި ވެސް ހުށަހަޅާފައި ވަނީ، ޑޯ ފްރޭމްގެ ގޮތުގައިކަމަށާއި ކަސްޓަމްސްއިން މުދަލުގެ ޑިކްލަރޭޝަން ނިންމާފައި ވަނީ އެކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ކަސްޓަމްސްއިން ބުނެ އެވެ.

ކަސްޓަމްސްއިން ބުނީ ސެލްބީ އިންވެސްޓްމެންޓްގެ ފަރާތުން ގެނެސްފައިވާ ޝިޕްމެންޓަކީ ކަސްޓަމްސްއިން ބަލައި ފާސްކޮށް ދޫކުރުމުގެ މަރުހަލާ ފުރިހަމަވެފައިވާ ތަކެތިކަމަށް ނުވާތީ އެތަކެތި އަދިވެސް ހުރީ މާލޭ ކޮމާޝަލް ހާބަރުގައިކަމަށެވެ.

ދިވެހިރާއްޖޭގެ އެކްސްޕޯޓް/އިމްޕޯޓް ޤާނޫނުގައި އެލުމިނިއަމް ވިންޑޯ ފްރޭމްއަށް 2020 ވަނަ އަހަރުން ފެށިގެން ޑިއުޓީގެ ގޮތުގައި ދިހަ ޕަސެންޓް ނަގަން ކަނޑައަޅާފައިވެ އެވެ. ނަމަވެސް އެލްމުނިއަމް ފަތިން ނަގާ ޑިއުޓީ ވަނީ ކަނޑާލާފަ އެވެ.

ކަސްޓަމަސްއިން ބުނީ ސެލްބީ އިންވެސްޓްމެންޓްގެ ފަރާތުން ރާއްޖެއަށް ގެނެސްފައިވާ މުދާ ޝިޕްމެންޓް ބަލައިފާސްކޮށް ދޫކުރާއިރު، ޝިޕްމެންޓްގައި ހިމެނެނީ އެލްމިނިއަމް ފަތިކަމަށްވާ ނަމަ، އެފަރާތުން ޑިއުޓީގެ ގޮތުގައި އިތުރަށް ދައްކާފައިވާ ފައިސާ ރިފަންޑްކުރެވޭނެ ކަމަށެވެ.

ކަސްޓަމްސްއިން ވަނީ ސެލްބީ އިންވެސްޓްމެންޓް ފަދަ ރާއްޖޭގައި ދިގު މުއްދަތަކަށް، ފުޅާދާއިރާއެއްގައި އިމްޕޯޓްކުރުމުގައި ހަރަކާތްތެރިވާ ކުންފުންޏަކުން ރައްޔިތުންނަށް ހަޤީގަތް އޮޅޭގޮތަށް މައުލޫމާތުދިނުމުގެ ސަބަބުން އެކަން ކުށްވެރިކޮށްފަ އެވެ. އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީގޮތުން މިމުއައްސަސާއިން އަޅަންޖެހޭ ފިޔަވަޅު އެއްވެސް ފަސްޖެހުމެއްނެތި އަޅާނެ ކަމަށް ވެސް ކަސްޓަމްސްއިން ބުނެ އެވެ.