ރާއްޖެއިން ބޭރުން އަންނަ ޝެޑިއުލް އެއާލައިންތަކަށް އަދިވެސް 50 ޕަސެންޓް ޑިސްކައުންޓު ދޭ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެއާލައިންތަކުން 50 ޕަސެންޓް އާމްދަނީ މިމަހުން ފެށިގެން އެ ކުންފުންޏަށް ލިބެން ފަށާފައިވާ ކަމަށެވެ. އަދި އޭޕްރިލް މަހުން ފެށިގެން ޑިސްކައުންޓް ދިނުން ހުއްޓާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް ޗާޓަރު ފްލައިޓްތަކަށް ޑިސްކައުންޓެއް ނުދެން. އެކަމަކު ޝެޑިއުލް އެއާލައިންތަކަށް ޑިސްކައުންޓް އެކި މިންވަރަށް ދެމުން ދަނީ،" އެ އޮފިޝަލް ވިދާޅުވި އެވެ.

ބޭރުގެ އެއާލައިންތަކަށް އެމްއޭސީއެލުން ޑިސްކައުންޓު ދެނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން، ޖުލައި 15އިން އޮގަސްޓު 31އާ ހަމައަށް އޮޕަރޭޝަން ފަށާ އެއާލައިންތަކަށް ގްރައުންޑް ހޭންޑްލިން އާއި ލޭންޑިން އާއި ނެވިގޭޝަން އަދި ޕާކިން ޗާޖުން 100 ޕަސެންޓު ޑިސްކައުންޓު ދެ އެވެ. އަދި ސެޕްޓެމްބަރު އެއްވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު 27 އަށް އޮޕަރޭޝަން ފަށާ އެއާލައިންތަކަށް 75 ޕަސެންޓު ޑިސްކައުންޓު ދޭއިރު އޮކްޓޯބަރު 28 އިން ފެށިގެން އޮޕަރޭޝަން ފަށާ އެއާލައިންތަކަށް 50 ޕަސެންޓު ޑިސްކައުންޓު އެ ކުންފުނިން ދެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް މިހާރު 20 އެއާލައިނަކުން ޝެޑިއުލް ދަތުރުތައް ކުރެ އެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ކޮވިޑް- 19އާ ގުޅިގެން މާލެ ސަރަހައްދު ލޮކް ޑައުންކޮށް، އަދި ރާއްޖޭގެ ބޯޑަރު ވެސް ބަންދުކުރުމުން އެމްސީއެލްގެ އާމްދަނީ އާދަޔާ ޚިލާފަށް ދަށްވެ، 116.1 މިލިއަން ރުފިޔާ ގެއްލުންވެފައިވެ އެވެ.