އުއްމީދަކީ ކުރިއަށް އޮތް މުސްތަގުބަލުގައި ޗައިނާއިން ރާއްޖެއަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުވުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވި "ޗައިނާ - މޯލްޑިވްސް: "ބެލްޓް އެންޑް ރޯޑް"ގެ ޖޮއިންޓް ކޮންސްޓްރަކްޝަން ބިޒްނަސް ފޯރަމު"ގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ މަސްވެރިކަމަކީ ރާއްޖޭގެ އެންމެ މުހިއްމު އެއް އިގްތިސާދީ ސިނާއަތް ކަމަށާއި، އެ އިގްތިސާދީ ސިނާއަތަކީ ރާއްޖޭގެ ބޮޑު އިންސައްތައެއްގެ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ ސިނާއަތެއް ކަމަށެވެ.

އަދި އެ ސިނާއަތަކީ ރާއްޖެއިން އެކްސްޕޯޓް ކުރާ ހަމައެކަނި ބްރޭންޑް ކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ރާއްޖެއިން ޗައިނާއަށް ކުރަނީ ވަރަށް ލިމިޓެޑް އެކްސްޕޯޓްތަކެއް ކަމަށެވެ. އެހެންކަމުން ރާއްޖެއިން ޗައިނާއަށް މަސްބޭރުކުރުން އިތުރުކުރުމަކީ ރާއްޖޭގެ އަމާޒެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

"ރާއްޖެއަކީ ވަރަށް ނަސީބު ގަދަ ގައުމެއް. އެއީ ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް ރާއްޖެއާ އެންމެ ގާތުން މަސައްކަތް ކުރާ އެއް ގައުމަކަށް ޗައިނާ ވާތީ. ކޮވިޑްގެ ހާލަތުން ރާއްޖެ އަރައިގަންނަ މި ދަނޑިވަޅުގައި އެކަމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރު ކޮށްދިން އެއް ގައުމަކީ ޗައިނާ" ފައްޔާޒް ވިދާޅުވި އެވެ.

ރާއްޖެއަށް މިދިޔަ އަހަރު އިމްޕޯޓްކުރި މުދަލުގެ 12.6 ޕަސެންޓަކީ ޗައިނާއިން ރާއްޖެއަށް އެތެރެކުރި މުދަލެވެ. އެއީ 325 މިލިއަން ޑޮލަރެވެ. އެކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުން ރާއްޖެއިން ޗައިނާއަށް މަސް އެކްސްޕޯޓްކުރާ މިންވަރު މަދު ކަމަށެވެ.

"މަސްވެރިކަމުގެ ސިނާޔަތުން ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓުކުރާ މަހުގެ އަދަދު މަދު. އެހެންކަމުން މި ސިނާޔަތުން އެކްސްޕޯޓް އިތުރުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ކުރިއަށް އޮތްތަނުގައި ޗައިނާއާއި މަޝްވަރާކުރެވޭނެ ކަމަށް އުއްމީދު ކުރަން" މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.