މާލެ ސަރަހައްދުގައި ދަތުރު ދާން ސަރުކާރުން ތަރައްގީކުރާ ކުޑަގިރި އާންމުންނަށް ހުޅުވާލުމުގެ ކުރިން ޕިކްނިކް އައިލެންޑުން ހުޅުވާލާފައިވާ ވަޒީފާގެ ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އޯޕަން ޑޭއެއް ބޭއްވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނިންމައިފި އެވެ.

އެޗްޑީސީން ބުނީ މި އޯޕަން ޑޭ ބޭއްވުމަށް ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9 އިން މެންދުރުފަހު 3 އަށް އެޗްޑީސީ މައި އޮފީހުގެ ގްރަންޑް ފްލޯގަ އެވެ.

އެޗްޑީސީން ވަނީ ވަޒީފާއަށް ނަގަން ބޭނުންވާ ދާއިރާތަށް މުސާރައާއެކު އާންމުކޮށްފަ އެވެ.

ޕިކްނިކް އައިލެންޑުގެ ވަޒީފާތައް

  • އެކައުންޓެންޓް 23،500 ރުފިޔާ
  • އެސިސްޓެންޓް އެކައުންޓްސް އޮފިސާ 13،000 ރުފިޔާ
  • ޕާޗޭސިން އެންޑް ސްޓޯ ކޯޑިނޭޓާ 14،500 ރުފިޔާ
  • އެޗްއާރް އެންޑް ޓްރެއިނިން ކޯޑިނޭޓާ 14،500 ރުފިޔާ
  • ލޭންޑްސްކޭޕިން ކޯޑިނޭޓާ 14،500 ރުފިޔާ
  • މޮނިޓަރިން އެންޑް ސެކިއެރިޓީ ސުޕަވައިޒާ 17،000 ރުފިޔާ
  • ސެކިއުރެޓީ އެސިސްޓެންޓް 8،500 ރުފިޔާ
  • ކްލީނާސް 8،500 ރުފިޔާ
  • އިމާމް 12،500 ރުފިޔާ
  • އެކްޒެކެޓިވް ސެކްރެޓަރީ 14،500 ރުފިޔާ
  • ރޫމް އެޓެންޑެންޓް 10،500 ރުފިޔާ
  • ސޭލްސް އެންޑް ރިޒަވޭޝަން ކޯޑިނޭޓާ 14،500 ރުފިޔާ
  • ރިސެޕްޝަނިސްޓް 13،000 ރުފިޔާ
  • ރެކްރިއޭޝަން އެންޑް އިވެންޓްސް ސުޕަވައިޒާ 17،000 ރުފިޔާ
  • ރެކްރިއޭޝަން އެޓެންޑެންޓް 10،500 ރުފިޔާ
  • ޓެންޓް މެނޭޖްމެންޓް ކޯޑިނޭޓާ 14،500 ރުފިޔާ
  • މާކެޓިން އެންޑް ޕީއާރް ކޯޑިނޭޓާ 14،500 ރުފިޔާ

މި މަގާމުތަކަށް ސައުގުވެރިވާ ފަރާތްތަކުން އަންނަ ހޮނިހިރު ދުވަހު ބާއްވާ އޯޕަން ޑޭއަށް، ތައުލީމީ ފެންވަރާއި، މަސައްކަތު ތަޖުރިބާ އަންގައިދޭ ލިޔެކިއުންތަކާއި، އައިޑީ ކާޑު ކޮޕީ ހިފައިގެން ވަޑައިގެންނެވުމުން، ވަޒީފާތަކަށް ކުރިމަތިލެވޭނެކަމަށް އެޗްޑީސީން ބުންޏެވެ.ކުޑަގިރި ޕިކްނިކް އައިލެންޑުގެ ބޮޑެތި ގިނަ މަސައްކަތްތައް ނިމި މިހާރު އޮތީ އާއްމުންނަށް ހުޅުވާލަން ތައްޔާރުވެފަ އެވެ.

ކުޑަގިރި.. ފޮޓޯ: ޕީއެސްއެމް

އެގޮތުން ދަތުރުދާ ރަށަކުން ބޭނުންވާނެ އާންމު ހުރިހާ ހިދުމަތްތަކެއް ވަނީ މިހާރު ވަރަށް ފުރިހަމައަށް ގާއިމުކޮށްފަ އެވެ. ހަޓުތަކާއި ފާހާނާ ބަރިއާއި ރަށުގައި ގޮނޑުދޮށްތައް ހެދުމާއި އަދި އާންމު ގިނަ ހިދުމަތްތައްތަކެއްވެސް ވަނީ މިހާރު ގާއިމުކޮށްފަ އެވެ. މާލެއިން 10 މިނެޓުގެ ލޯންޗު ދަތުރެއްކޮށް ދެވޭހާ ކައިރީގައި އޮތް ކުޑަގިރި ޕިކްނިކް އައިލެންޑަކީ 8 ހެކްޓަރުގެ ރަށެކެވެ. އަދި 1.5 ހެކްޓަރުގެ ފިނޮޅެއްވެސް މި މަސައްކަތުގައި ހިމެނެ އެވެ. ކުޑަގިރި ޕިކްނިކް އައިލެންޑް ތަރައްގީކުރީ، ފަރެއް ހިއްކައިގެން ކަމަށްވުމާއެކު، އެންމެ މުހިންމު އެއް މަސައްކަތެއްގެ ގޮތުގައި ކުރަމުންދަނީ، ރަށް ފެހިކުރުމުގެ މަސައްކަތެވެ. އަދި ރަށް ހުޅުވާލުމުގެ ކުރިން، ރަށަށް ދަތުރު ކުރުމާއި ރަށް ބޭނުންކުރާނެ ގޮތުގެ އުސޫލުތައް ހެދުމުގެ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ.

ކުޑަގިރި.. ފޮޓޯ: ޕީއެސްއެމް

ޕިކްނިކް އައިލެންގެ މަސައްކަތް ކުރަނީ ސަރުކާރުގެ ފަސް ކުންފުންޏެއް ގުޅިގެންނެވެ. ޕިކްނިކް އައިލެންޑްގެ މާސްޓަރ ޕްލޭން ތައްޔާރު ކުރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީންނެވެ. ރަށް ތަރައްޤީކުރުމުގެ މަސައްކަތުގައި ދެން ބައިވެރިވަނީ އެމްޓީސީސީ، އެމްޑަބްލިއެސްސީ ފެނަކަ އަދި ސްޓެލްކޯއެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ޕިކްނިކްދާނެ ރަށެއް ހަމަޖައްސައިދެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ.