ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ޚިދުމަތް ރަސްމީކޮށް ވ. ފެލިދޫގައި އިފްތިތާހްކޮށްފި އެވެ.

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން ދިރާގުން މި ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައި ވަނީ ފެލިދޫގެ ރައްޔިތުންނަށް ޚާއްސަ އޮފާތަކަކާ އެކު ކަމަށް އެކުންފުނިން ބުނެ އެވެ.

އެގޮތުން، ދިރާގު ފައިބަރާ ބްރޯޑްބޭންޑް ޕެކޭޖްއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާއަށް ބޭނުންވާ ޚާއްސަ ރައުޓާ ނުވަތަ އޯ.އެން.ޓީ ވެސް ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުނެފައިވެ އެވެ. މިއީ އެންމެ ހަލުވި ސްޕީޑް އާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ޚިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކް އެވެ.

އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 85 އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 104 ރަށެއް ހިމެނެ އެވެ.

ދިރާގުގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުންކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް އެކުންފުނީގެ މަސައްކަތް އަބަދުވެސް ކުރިއަށް ގެންދާނެކަމަށް ދިރާގުން ބުނެފައިވެ އެވެ.