ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ބަލައި މި މައްސަލަތަކަށް ބިނާކޮށް މިކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ޑިޒައިންކޮށްފައިވާ ތިލަފުށި މާސްޓަ ޕްލޭން މިއަދު އިފްތިތާހުކޮށްފި އެވެ.

މޯލްޑިވްސް ލިވިން އެކްސްޕޯ 2022 ގައި މިފަހަރު އެޗްޑީސީގެ ފަރާތުން ތިލަފުށީގެ މާސްޓަ ޕްލޭން އާންމުންނަށް ދައްކާލަން ވަނީ ހަމަޖެހިފަ އެވެ.

މާލެ ކައިރީ ބޮޑު ފަޅެއްގެ ގޮތުގައި އޮތް ތިލަފަޅު، ފުރަތަމަ ފަހަރަށް ހިއްކާފައި ވަނީ 1991 ވަނަ އަހަރު، މި ސަރަހައްދުގައި އުފެދޭ ކުނި މެނޭޖްކުރާ ރަށެއްގެ ގޮތުގަ އެވެ. ފުރަތަމަ ހިއްކާފައިވެސް ވަނީ ކުނިން "ލޭންޑް ފިލް" ކޮށްގެނެވެ. އަދި އޭގެ ފަހުން އެކި ފަހަރުމަތިން ބިން ހިކާ، 100 އަށްވުރެ ބޮޑު ހެކްޓަރެއް ހިއްކާފައިވެ އެވެ. އެންމެ ފަހުން ތިލަފުށި ހިއްކީ 2016 ވަނަ އަހަރުއެވެ. އެއީ 22 ހެކްޓަރެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ މި ޕްރޮޖެކްޓްގައި ތިލަފަޅު 3 ބަޔަކަށް ބަހާލާ، 151 ހެކްޓަރު ހިއްކާނެ ކަމަށެވެ. އަދި މުދަލުގެ އަގުތައް އެންމެ ބޮޑަށް އުފުލެން ދިމާވި މައްސަލައަކީ މާލެއިން ބިން ނަގައިގެން ގުދަންކުރުމުން ހިނގާ ހަރަދުކަމަށާއި، މި ޕްރޮޖެކްޓަކީ މިކަމަށް ހޯދައިދޭ ހައްލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތިލަފުށީ މާސްޓަ ޕްލޭން އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ވާހަކަދައްކަވަނީ. ފޮޓޯ: އެޗްޑީސީ

"މި ޕްރޮޖެކްޓާއެކު އެކި ބާވަތްތަކުގެ ވިޔަފާރިތަކަށް ބިން ޚާއްސަ ކުރާނަން. އަދި އިތުރު ބާވަތުގެ ވިޔަފާރިތަށް ރާއްޖޭގައި ފެށުމަށް ފުރުޞަތަކަށް ވާނެ. އިޤްތިޞާދަށް އަންނަ ކުރިއެރުމާއެކު، ވަޒީފާގެ ގިނަ ފުރުޞަތުތަކެއްވެސް މި މަޝްރޫޢުއިން އުފެދޭނެ،" އާތިފް ވިދާޅުވި އެވެ.

އެޗްޑީސީން ބުނެފައި ވަނީ ހިއްކާ ބިން މައިގަނޑު ހަ ކަމަކަށް ބޭނުންކުރާނެ ކަމަށެވެ. އެއީ އޮފީސް، އިޑަސްޓްރިއަލް، ޕޯޓް އެކްސްޕެންޝަން، ޕަވަރ ޕްލާންޓް، އޮއިލް ފާމް އަދި ރެކްރިއޭޝަނަލް ޚިދުމަތްތަކެވެ. މީގެ ތެރޭގައި ވިއްކާ ބިންތަކާއި ކުއްޔަށްދޭ ބިންތައް ވެސް ހިމެނެނޭނެ އެވެ. އަދި ކުދި ވިޔަފާރިއަށް ދޫކުރާ ބިންތަކާއި، ބޮޑެތި މެނުފެކްޗަރިން އިންޑަސްޓްރިއަލް މަސައްކަތަށް ބިން ދޫކުރާނެއެވެ. އެއީ 5000-35000 އަކަފޫޓުގެ ބިންތަކެވެ.

ބިންތަކުގެ އަގުތަކާއި، އެކަމާއި ގުޅޭ ތަފްސީލްތައް ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ލިވިން އެކްސްޕޯގެ އެޗްޑީސީގެ ސްޓޯލްއިން ލިބޭނެ އެވެ.

ތިލަފުށީގައި މިހާރު ހިއްކާފައިވާ 120 ހެކްޓަރުގެ ބިމުގައި 227 ވިޔަފާރިއަކުން އަންނަނީ ޚިދުމަތް ދެމުންނެވެ.

"ސިނާއީ އެކި މަސައްކަތްތަކަށް ގިނަ ގޮންޖެހުންތަކަކާއި އުނދަގޫތަކެއް މިހާރު މި ވަނީ ކުރިމަތިވެފަ އެވެ. މިގޮތުން މިފަދަ މަސައްކަތްތަކަށާއި ވިޔަފާރިތައް ހިނގުމުގެ ޖާގައިގެ އެތައް ދަތިތަކެއް ކުރިމަތިވެ، އާންމުން ދިރިއުޅޭ ތަންތަނުގައި ގަރާޖުތަކާއި ވެއާ ހައުސްތައް ހުރުމުން ދިމާވާ ނުރައްކާތެރި އެކްސިޑެންޓް ހާދިސާތައް ވެސް ވަނީ މިހާރު އާއްމުވެފަ އެވެ. އެހެންކަމުން، މިފަދަ ކަންކަން ތަކުރާރުނުކޮށް މި މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން މާލެ ސަރަހައްދުގައި މިހާރު މިކަމަށް ހާއްސަ ކުރެވިފައިވާ ތިލަފުށީގައި ވެސް ގިނަ މައްސަލަތަކެއް ހުރުމާއި، ޒަމާނީ ވަސީލަތްތަކާއި އެކު ސިނާއީ ބޮޑު ސަރަހައްދެއް ތަރައްގީ ކުރުން މިވަނީ ނުހަނު މުހިއްމު ކަމަކަށްވެފަ އެވެ." އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.

އެޗްޑީސީން ބުނީ ތިލަފުށި ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ވިޔަފާރި އާއި ސިނާއީ ބޭނުންތަކަށް ތިލަފުށީގެ 152 ހެކްޓަރުގެ ބިން ހިއްކާ ތަރައްގީކުރުމަށް ނިންމާފައި ވަނީ ހުޅުމާލެ އާއި އެއް ފެންވަރަކަށް ކަމަށެވެ. އަދި އެ ތަނުގައި ޕަބްލިކް ޕްލާޒާ، ޕަބްލިކް ގްރީން ސްޕޭސް، އެކްޓިވް ވޯޓަ ފްރަންޓްސް، ފްލެކްސިބަލް ޑިވެލޮޕްމަންޓްގެ އިތުރުން ސަސްޓެއިނަބަލް ސިޓީއެއްގެ ފުރިހަމަ ކުލަ ޖެހިންގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ލިވިން އެކްސްޕޯ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު އިފްތިތާހުކޮށްދެއްވަނީ. ފޮޓޯ: އެޗްޑީސީ

މީގެ އިތުރުން، މިކަމަށް ހާއްސަކޮށް ބިން ހިއްކޭ އިރު ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކުގެ އިތުރުން ތިލަފުށީގެ މަގުތައް އެންމެ ރަނގަޅު ފެންވަރުގައި ތަރައްގީ ކުރެވޭނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ބިނާކުރުމަށް ސަރުކާރާއި ގުޅިގެން އެޗްޑީސީން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާއިރު، ރާއްޖޭގައި ހުރި ގިނަ ސިނާއަތްތަކަށް ބޭނުންވާނެ އެއްމެ ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކާއި މިކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމު ކުރުމަކީ ބޮޑު އިސްކަމެއް ދީގެން ކުރެވެމުން އަންނަ ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.